ބާސާގެ ފެއާވެލްގައި މެސީއަށް ކެތްނުކުރެވި ހިތްފަޅައިގެންދާ ވަރަށް ރޮއެފި އެވެ.
ފެއާވެލްގައި ވާހަކަ ދެއްކުމުގެ ކުރިން މެސީއަށް ވަނީ ރޮވިފަ އެވެ. އެތައް ހާސް ސަޕޯޓަރުންނެއް އެސަރަހައްދަށް އެއްވެ ދިޔައީ މެސީއަށް ތަރުހީބު ދެމުންނެވެ.
މެސީގެ ފުޓްބޯޅަ ހަޔާތުގައި 21 އަހަރު އޭނާ ހޭދަ ކުރީ ބާސެލޯނާގަ އެވެ. އޭގެ ތެރެއިން 18 އަހަރު މެސީ ކުޅެފައި ވަނީ ބާސާގެ ސީނިއާ ޓިމަށެވެ.
މެސީ އާއި އެކު ބާސާއިން ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން އާ ކޮންޓްރެކްޓެއް މެސީ އާއި ބާސާ އެކުލަވާލި ނަމަވެސް ލަލީގާގެ އުސޫލު ތަކާއި ހިލާފުވާތީ އެ އެއްބަސްވުން ތަންފީޒު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
"ބާސާގައި އަހަރެން ހޯދި ކާމިޔާބީ ތަކާއި އުޅުނު ދުވަސްތައް ފިޔަވައި އަހަރެން އެކަމަކާ މެދު އެންމެ ފަހުރުވެރިވާނެ އިތުރު އެއްވެސް ކަމެއް ނެތް. އެއީ އަހަރެންގެ ވަޒަން. އަހަރެން އަދި ބާސާއަށް އެނބުރި އަންނާނަން. ދަރިން ކައިރީގައި ވެސް އެކަމަށް އަހަރެން ވައުދުވިން. ބާސާއަކީ ދުނިޔޭގެ އެއްވަނައަށް ހެދުމަށް އަހަރެން މަސައްކަތް ކޮށްދޭނަން." ފެއާވެލްގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.
ދެން މެސީ ފެނިގެންދާނީ ކޮން ކްލަބަކުންތޯ އެހުމުން މެސީ ބުނީ ބާސާއިން ވަކިވި ނަމަވެސް އެހެން ކްލަބަކަށް ދާން އަދި ނިންމާފައި ނުވާ ކަމަށެވެ.
މެސީ ބާސެލޯނާގައި ހޯދާފައިވާ ކާމިޔާބީތައް
- ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 71 ގޯލު
- ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 28 ގޯލު
- އެންމެ ގިނާ ބެލެންޑިއޯ އެވޯޑް ކާމިޔާބު ކުރި ކުޅުންތެރިޔާ - 6 ބެލެންޑިއޯ
- ލަލީގާ ގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 474 ގޯލު
- އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ލަލީގާގައި ޖެހި ކުޅުންތެރިޔާ - 50 ގޯލު (ސީޒަން 2011 / 2012 )
- އަހަރެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ - 79 ގޯލު (2012 ވަނަ އަހަރު، އާޖެންޓީނާއަށް ޖެހި ގޯލާއެކު ގުނާ ނަމަ 91 ގޯލު)
- ލަލީގާ ގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާ - 36 ހެޓްރިކް
- ސްޕައިނުން ބޭރު ކުޅުންތެރިއަކަށް އެންމެ ގިނަ ފަހަރު ލަލީގާ ހޯދި ކުޅުންތެރިޔާ - 10 ލަލީގާ
- އެންމެ ގިނަ އީއެސްއެމް ގޯލްޑެން ބޫޓް ހޯދި ކުޅުންތެރިޔާ - 6 ރަން ބޫޓު
މެސީ ދެން ސޮއި ކުރާނެ ކުލަބެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު، ގިނަ ބަޔަކަށް އެއްބަސްވެވޭ ގޮތުގައި މެސީ ދެން ސޮއި ކުރާނީ ފްރާންސްގެ ޕީއެސްޖީ އަށެެވެ.