ލަ ލީގާ

ދަނޑަށް އެރި މީހާއަށް އަދަބު ދޭން ނިންމައިފި

ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ އާއި ރެއާލް މަޔޯކޯ ކުޅެމުން ދިޔަ މެޗުގެ ތެރެއިން ސްޓޭޑިއަމަށް ވަދެ ދަނޑަށް އެރި މީހާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ލަލީގާއިން ބުނެފި އެވެ.

މަޔޯކާގައި ކުޅެމުން ދިޔަ މެޗުގެ ދެ ވަނަ ހާފުގެ ތެރެއިން މީހަކު ވަނީ ލިއޮނަލް މެސީގެ ނަން ޖަހާފައިވާ އާޖެންޓީނާގެ ޖޯޒީއެއް ލައިގެން ދަނޑަށް އަރާފަ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ތިން މަސް ދުވަހު ލަލީގާ މެދުކަނޑާލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އަލުން ފެށީ، ދަނޑަށް އާންމުން ވަނުން މަނާ ކުރުމަށް ފަހު އެވެ. ލަލީގާއިން ނެރުނު ބަޔަނުގައި ބުނެފައި ވަނީ ސިއްހީ ދާއިރާއިން ނެރެފައިވާ ޕްރޮޓަކޯލް އާ ހިލާފަށް ސްޓޭޑިއަމްއަށް ވަން މީހާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

މަޔޯކާގައި ދިރިއުޅޭ އެ މީހާ ސްޕެއިންގެ "ކެޑޭނާ ކޮޕޭ" ރޭޑިއޯ އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ މެޗު ކުޅެމުން ދާކަން އެނގުނު ހިސާބުން އޭނާ އެކަމަށް ވިސްނި ކަމަށެވެ.

"މެޗު ކުޅެމުންދާކަން އެނގުނު ހިސާބުން އަހަރެން ހުރީ އެކަމަށް ވިސްނައިގެން، އަހަރެން ބޭނުންވީ މެސީ އާ ބައްދަލު ކޮށްލާ ފޮޓޯއެއް ނަގާލަން، ސަބަބަކީ އޭނާއަކީ އަހަރެންގެ ހީރޯ." އޭނާ ބުންޏެވެ.

ދަނޑަށް އެރި މީހާ ދަނޑުން ބޭލީ މެޗުގެ ސިކިއުރިޓީ އޮފިޝަލުން ވެގެން ގަދަ ކަމުންނެވެ. މަޔޯކާއިން ބުނީ އެ މީހާ ދަނޑަށް ވަނީ ކިހިނެތޯ ތަހުގީގު ކުރަމުންދާ ކަމަށެވެ.