މެސީ

މެސީ އާއި ބާސާގެ ހުވަފެން ފެނަށް

މެސީ އާއި ބާސެލޯނާގެ ކޮންޓްރެކްޓް އާނުކުރެވި ޓީމާއި މެސީގެ ހުވަފެން ފެނަށް ގޮސްފި އެވެ.

ބާސާ އާއި އެކު މެސީ ހަދާފައިވާ އެގްރިމެންޓްގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން މިވަގުތު މެސީ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ.

ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ބާސާ އާއި އެކު މެސީ ވަނީ މީގެ ތިން ހަފްތާ ކުރިން އާއެގްރީމެންޓެއް އެކުލަވާލާފަ އެވެ. އޭގައިވާ ގޮތުން މެސީގެ މުސާރައިން އެއްބައި އުނިކުރަން ދެފަރާތުން ވަނީ އެއްބަސްވެފަ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި މި އެގްރީމެންޓުގައި ރަސްމީކޮށް ސޮއި ކޮށްފައެއް ނުވެ އެވެ.

މެސީގެ ކޮންޓްރެކްޓް އާނުކުރެވުނީ ލަލީގާގެ މާލީ ގަވާއިދު ތަކާއި އުސޫލުތަކާއި ހިލާފުވާތީ އެވެ.

ބާސާ އާއި އެކު މެސީއަށް އިތުރަށް ކުރިއަށް ދެވެން ނެތް އިރު އޭނާ އަށް ޔޫރަޕުގެ ގިނަ ކްލަބް ތަކުން އަންނަނީ ކަޅި އަޅަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ، މެންޗެސްޓާ ސިޓީ އަދި އާސެނަލް ހިމެނެ އެވެ.

މެސީ ބާސެލޯނާގައި ހޭދަ ކުރި 21 އަހަރުގެ ތެރެއިން 18 އަހަރު އޭނާ ކުޅެފައިވަނީ ބާސާގެ ސީނިއާ ޓީމަށެވެ. ބާސާއަށް ޖުމްލަ 778 މެޗު ކުޅެދީފައި ވާއިރު، މެސީ ވަނީ 672 ގޯލު ކާމިޔާބު ކޮށްދީފަ އެވެ. އަދި ބާސާގައި 10 ލަލީގާ ކާމިޔާބު ކޮށްފައިވާ މެސީ ވަނީ ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.