މެސީ

މެސީ އެނބުރި ބާސެލޯނާއަށް

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެނބުރި ބާސެލޯނާއަށް ގޮސްފި އެވެ.

ޗުއްޓީ ނިންމާލުމަށް ފަހު މެސީ އެނބުރި ބާސެލޯނާ އަށް ދިޔައިރު، މިއަދުގެ ވަގުތެއްގައި އޭނާ ބާސާއަށް ރަސްމީކޮށް ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ.

ބާސާ މެސީއާއި އެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފަ އެވެ. މިވަގުތު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ނަމަވެސް މީގެ ތިން ހަފްތާ ކުރިން މެސީ ވަނީ ބާސާ އާއި އެކު އާއެގްރީމެންޓެއް އެކުލަވާލާފަ އެވެ. ފަސް އަހަރުގެ މުއްދަތަކަށް އެކުލަވާލި މި އެގްރީމެންޓްގައި މެސީގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނި ކުރަން ވަނީ އެއްބަސްވެފަ އެވެ.

އެއްބަސްވުމެއް ހެދި ނަމަވެސް ބެލެވޭ ގޮތުގައި ފުރަތަމަ ދެއަހަރު ބާސާއަށް ކުޅުމަށް ފަހު މެސީ އޭނާގެ ކޮންޓްރެކްޓްގެ ބާކީ ތިން އަހަރު ކުޅޭނީ އެމެރިކާގެ ކްލަބަކަށެވެ. އަދި ބާސާ ޓީމުގެ އެމްބަސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެވެ.

މި އެއްބަސްވުން އެކުލަވާލެވުނީ މެސީގެ މުސާރައިގެ އެއްބައި އުނިކުރަން އޭނާ އެއްބަސް ވުމުންނެވެ. އަދި އެމެރިކަން އިންވެސްޓްމެންޓް ފަންޑް ސީވީސީގެ އެހީގައި ލަލީގާއަށް އިކޮނޮމިކް އިންޖެކްޝަނެއް ލިބުމުންނެވެ. އެކަމަކު ބާސާއިން އަދިވެސް މަސައްކަތް ކުރަމުން ދަނީ ލަލީގާގެ އުސޫލުތަކަށް ފެއްތުމަށްޓަކައި ކުޅުންތެރިންގެ މުސާރައިން ބައެއް އުނި ކުރުމަށެވެ.

މީގެ ނަތީޖާއަކަށް ވެގެން ދާނީ ބާސާ އާއި ލަލީގާއަށް ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކުޅުންތެރިޔާ ސްޕެއިންގައި ބެހެއްޓުމުގެ ފުރުސަތު ތަނަވަސް ވުމެވެ.

ހަ ބެލެންޑޯ އާއި ހަ ރަންބޫޓް ލިބިފައިވާ މެސީ ބާސެލޯނާގައި އޭނާގެ 18 ވަނަ ސީޒަން ފަށާނީ ރިކޯޑު ފޮތުގައި އޭނާގެ އިތުރު ސަފްހާތަކެއް ހިމަނާލުމަށެވެ.

މިއަދުގެ ވަގުތެއްގައި ރަސްމީކޮށް މެސީ ބާސާ އާއި އަލުން ގުޅޭނެ ކަމަށް ބެލެވޭ އިރު، އޭނާއަށް ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ވެވޭނީ އެއްބަސްވުން އާކުރުމަށްފަހު އެވެ. މިއަދު އެއްބަސްވުން އާކޮށްފި ނަމަ އާދިއްތަ ދުވަހު ޔުވެންޓަސް އާއި ބާސެލޯނާ ބައްދަލު ކުރާ "ޖޯން ގެޕާ ޓްރޮފީ" މެޗުގައި މެސީ އަށް ކުޅެވޭނެ އެވެ.