ބާސެލޯނާ އާއި އަދި ދުނިޔޭގައިވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލައިނަލް މެސީ ބާސާ ދޫކޮށްލުމުން އެޓީމަށް ސްޕޮންސާ ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
މެސީ ބާސާއާއި ވަކިވުމާއި އެކު އެ ކުލަބުގެ ބްރޭންޑުގެ އަގު ވަނީ 11 ޕަސެންޓުގެ ދަށަށް ގޮސްފަ އެވެ. ފައިސާއިން ބަލާނަމަ މިއީ 137 މިލިއަން ޔޫރޯގެ ދަށްވުމެކެވެ. އެހެންކަމުން ސްޕޮންސަރުން ހޯދުމަށް ހުށަހަޅަންޖެހޭ ގޮތް ބާސާއިން ބަދަލުކުރަން ޖެހޭނެ އެވެ. މެސީގެ ނަން ވިއްކައިގެން މީގެ ކުރިން ސްޕޮންސަރުން ހޯދަމުންދިޔަ ބާސާއަށް ދެން ޖެހޭނީ ކުންފުނި ތަކާއި އޮންނަ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރާށެވެ.
"މިހާރުން ފެށިގެން ސްޕޮންސަރުން ހޯދަން ބޭނުން ނަމަ ވަކި ކުޅުންތެރިއެއްގެ ނަން ބޭނުން ކުރުމުގެ ބަދަލުގައި އެންމެ މުހިންމު ކަމަކަށް ވާނީ ޓީމުގެ ކުޅުން ރަނގަޅު ކުރުން" ބާސާގެ ފައިނޭންޝަލް އެކްސްޕާޓް މާކް ސިރިއާ ބުންޏެވެ. ޑަ
އިގްނަލް އިންވާޝަންސްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރަމުން އަންނަ މާކް ބުނީ މެސީ ދިއުމުން ބާސާއަށް ސްޕޮންސާ ހޯދުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި، މީގެ ފަހުން ގިނަ ޗެމްޕިއަންސް ލީގުތަކެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި އެންމެ މޫނެއް ބޭނުންކޮށްގެން ދެން ހުރިހާ ކަމެއް ފަރުޖެއްސެން ނެތް ކަމަށް ވެސް މާކް ބުންޏެވެ.
މެސީ ބާސެލޯނާ ދޫކޮށްލުމާއި އެކު ޖާޒީ ވިއްކައިގެން ލިބެމުން އައި އާމްދަނި ވެސް ވަރަށް ބޮޑަށް ދަށްވެގެން ދާނެ އެވެ. މެސީގެ ޖާޒީއަކީ އެންމެ ގިނަ މީހުން މިހާރުވެސް ގަންނަ އެއް ޖާޒީ އެވެ.
އެހެންކަމުން ބާސާއިން ދެން ޖެހޭނީ އާ މޫނު ތަކެއް ނެރޭށެވެ. މެސީގެ ފެންވަރުގައި ނޫނަސް އަންސޫ ފާޓި ފަދަ ޒުވާން ކުޅުންތެރިންގެ މޫނާއި އެކު ބާސާއިން ސްޕޮންސާ ހޯދަން ކުރިއަށް އޮތް ތަނުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ބެލެވެ އެވެ.
ބާސެލޯނާ އަށް ލިބެމުންދިޔަ އާމްދަނީގެ ތިންބައިކުޅަ އެއްބައި ލިބެމުން ދިޔައީ މެސީގެ ފަރާތުންނެވެ. އެހެންކަމުން މިހާރު ބާސާއިން އަހަރެއްގެ މައްޗަށް ހޯދަމުން އަންނަ 180 މިލިއަން ޔޫރޯގެ އާމްދަނީ ދެމެހެއްޓުމަށް އެކްލަބަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.
ބާސާގެ ރައީސް ލަޕޯޓާގެ އަމާޒަކީ މިހާރު ލިބެމުން އަންނަ 180 މިލިއަން ޔޫރޯގެ އާމްދަނީ ދެއަހަރު ދުވަހު ހިފެހެއްޓުމަށް ފަހު 200 މިލިއަނަށް އެ އަދަދު މަތި ކުރުމެވެ. މިއީ ކްލަބަށް ބޮޑު ފައިދާއެއް ވާނެ ކަމެއް ނަމަވެސް މެސީ އާއި ނުލައި މިކަން ކާމިޔާބު ކުރުމަކީ ނާދިރު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވުމާ އެކު ބާސެލޯނާގެ އިތުރުން ލަލީގާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. އެގޮތުން ލަލީގާ ބަލާ މީހުންގެ އަދަދު ދަށްވެ އެމީހުންނަށް ލިބޭ އާމްދަނީ ބޮޑު ތަނުން މަދުވާނެ އެވެ. މެސީ ޕީއެސްޖީ އަށް ބަދަލު ވުމާއި އެކު ޕީއެސްޖީގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދު މިހާރު ވަނީ 22 މިލިއަން އިތުރުވެފަ އެވެ.