މެސީ

ޕީއެސްޖީއާއި އެކު މެސީ އެއްބަސްވުމެއް ހަދައިފި

ލައިނަލް މެސީ އާއި އެކު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެކުލަވާލި މި އެއްބަސްވުމުގައި އިތުރު އެއް އަހަރު ހިމެނުމުގެ ފުރުސަތު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ޕީއެސްޖީ އަދި މެސީގެ ފަރާތުން ވެސް މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ބެލެވޭ ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރަން މިއަދުގެ ވަގުތެއްގައި މެސީ ޕެރިސްއަށް ދަތުރުކުރާނެ އެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވެއްޖެ ނަމަ އޭނާ ކުޅޭނީ ގާތް ރަހުމަތްތެރިޔާ ނޭމާ އާއި އާޖެންޓީނާގެ ޑިމާރިއާގެ އިތުރުން އެމްބާޕޭއާ ރާމޯސް އާއި އެކުގަ އެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މެސީ، ނޭމާ، ޑިމާރިއާ އަދި އެމްބާޕޭގެ އެޓޭކިން ލައިން ވެގެން ދާނީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި އުފެދޭ އެންމެ ވަރުގަދަ އެޓޭކިން ލައިނަށެވެ.

މިފެށޭ 2021-22 ސީޒަނުގައި މެސީ ޕީއެސްޖީއަށް ބަދަލުވެއްޖެ ނަމަ ލީގު މެޗުތަކުގައި ބާސެލޯނާ އާއި ބައްދަލުކުރާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ކޮންމެވެސް ހިސާބަކުން މި ދެ ޓީމު ބައްދަލުކުރަން ޖެހުން އެކަށީގެންވެ އެވެ.

ޕީއެސްޖީން މެސީ ގެންނަން މަސައްކަތް ކުރަމުން އަންނަ އިރު އެޓީމުން ވަނީ މި ޓްރާންސްފާގައި ސާޖިއޯ ރާމޯސް، ޑޮނަރޫމާ، އަޝްރަފް ހަކީމީ އަދި ވައިނާލްޑްމަން ގެނެސްފަ އެވެ.

މިހާ ގިނަ ކުޅުންތެރިންތަކެއް މި ޓްރާންސްފާ މާކެޓުގައި އެޓީމަށް ގެނައުމުން ގިނަ ބަޔަކު ދަނީ ޕީއެސްޖީން ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދަށް އަމަލުކުރާކަމާ މެދު ސުވާލު އުފައްދަމުންނެވެ.

މި ޓްރާންސްފާ މާކެޓުގައި ރާމޯސް، ޑޮނަރޫމާގެ އިތުރުން ވައިނާލްޑްމަން ޕީއެސްޖީއަށް ގޮސްފައިވަނީ ފްރީ އެޖެންޓުންގެ ގޮތުގަ އެވެ. އަދި މެސީ ވެސް ޕީއެސްޖީއަށް ސޮއި ކުރާނަމަ ކުރާނީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ.