މެސީ

މެސީގެ ޓްރާންސްފާ ހުއްޓުވަން ކޯޓަށް

މެސީގެ ޓްރާންސްފާ ހުއްޓުވަން ޕީއެސްޖީ އާއި ދެކޮޅަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ފްރާންސްގެ އެކްޓިވިސްޓް އަދި ލޯޔަރު ހުވާން ބްރާންކޯ، ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ ބާސެލޯނާގެ މެމްބަރުންގެ ފަރާތުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ޕީއެސްޖީން އިތުރު ކުޅުންތެރިން ގެނައުން ވަގުތީ ގޮތުން މަނާކޮށް ސަސްޕެންޑް ކުރުމަށް ވެސް މި އެޕީލްގައި އެދިފައިވެ އެވެ.

ހޯމަ ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުން ޕީއެސްޖީން ވަނީ ޔޫއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދާއި ހިލާފުވެފަ އެވެ. އަދި މިއަހަރުގެ ޖޫން 25 ގައި ޕީއެސްޖީން އާންމު ކޮށްފައިވާ މާލީ ބަޔާނުގައި ގަވައިދާ ހިލާފުވެފައިވާ ކަމަށްވެސް އެޕީލްގައިވެ އެވެ.

އެފްއެފްޕީގައި ޕީއެސްޖީގެ ރޭޝިއޯ ހުރީ ބާސެލޯނާއަށް ވުރެ ގޯސް ކޮށެވެ. އެގޮތުން 2019/20 ސީޒަންގައި ކުޅުންތެރިންގެ މުސާރައަށް ޕީއެސްޖީގެ އާމްދަނީގެ 99 ޕަސެންޓު ހޭދަކޮށްފައި ވާއިރު، ބާސާއިން ހޭދަކޮށްފައި ވަނީ 54 ޕަސެންޓު ކަމަށް ބްރާންކޯ ބުނެ އެވެ.

ބާސެލޯނާ އާއި މެސީގެ އެގްރީމަންޓް އާނުކުރެވުނީ ވެސް މާލީ ގޮތުން ލަލީގާގެ އުސޫލުތަކާއި ހިލާފުވާ ކަމަށް ބުނެ އެވެ.

ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވާ ގޮތުން ޕީއެސްޖީ ވަނީ ފްރެންޗް ފުޓްބޯލް އެސޯސިއޭޝަންގެ ގަވައިދާ ވެސް ހިލާފުވެފަ އެވެ.