ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީ އެމެރިކާގެ މޭޖަ ލީގް ސޮކަރ (އެމްއެލްއެސް) ގައި ކުޅުމަށް ސޮއި ކޮށްފި އެވެ.
މެސީ އެމްއެލްއެސްގައި ކުޅުމަށް ސޮއި ކުރީ އެއްވެސް އެޖެންޓަކާއި ނުލައި މިނިވަންކަމާއެކު އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ނިސްބަތްވާ ސައުތް ބީޗްގެ އިންޓަރ މަޔާމީ ފުޓްބޯޅަ ކްލަބަށެވެ.
މަޔާމީއަށް ކުޅެދިނުމަށް މެސީ ސޮއި ކުރީ ކުރިއަށް އޮތް ތިން އަހަރު ދުވަހަށެވެ. ނަމަވެސް ކޮންމެ އަހަރެއް ނިމުމުން މެސީ ބޭނުން ކްލަބަކަށް ބދަލުވުމުގެ މަގު ވަނީ އެއްބަސްވުމުގައި މަގުފަހިކޮށްފަ އެވެ.
އާޖެންޓީނާއަށް މީގެ ހަމަސް ކުރިން ވޯލްޑް ކަޕް ހޯދައި ދިން ދުނިޔޭގެ ސުޕަސްޓާ ކުޅުންތެރިޔާ އެމެރިކާގެ މި ކްލަބަށް ކުޅެން ސޮއި ކުރުމުން ފުޓްބޯޅައިގެ ދުނިޔެއަށް ވަނީ ހައިރާންކަން ގެނުވާފަ އެވެ. ނަމަވެސް އެމްއެލްއެސް ލީގަކީ މީގެކުރިންވެސް ފަހުގެ މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ޑޭވިޑް ބެކަމް، ޒްލަޓާން އިބްރަހިމޮވިޗް އަދި ޗެލްސީގެ ލަމްޕާޑް ފަދަ ކުޅުންތެރިންގެ އިތުރުންވެސް އެތައް މަޝްހޫރު ކުޅުންތެރިން ކެރިއަރު ނިންމާލާ ލީގަކަށް ވަނީ ވެފަ އެވެ.
މެސީ ފްރާންސްގެ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މިމަހު ނިމުމަކަށް އަންނާތީ މީގެ ކުރިން ސައުދީ އަރަބިއާ އާއި ބާސެލޯނާ އަދި އާޖެންޓީނާގެ ނުވެލް އޯލްޑް ބޯއިސް އިން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. ނަމަވެސް މިހުރިހާ އިހްތިޔާރުތަކެއް ދޫކޮށްލުމަށްފަހު މެސީ މިވަނީ އެމެރިކާގެ އެމްއެލްސްގައި މިވަގުތު ކުޅެން ނިންމާފަ އެވެ.
އިންޓަ މަޔާމީ ކްލަބަކީ ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި އެޕްލް އަދި ކުޅިވަރުގެ ސާމާނު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި އެޑިޑާސް އަދި ލިއޮނަލް އަންޑްރޭ މެސީ ކޯޕަރޭޝަން އިން ބްރޯޑްކާސްޓިން ރައިޓްސް އޮންނަ ކްލަބެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މެސީގެ ނިންމުން ވެގެންގޮސްފައިވަނީ މި ތިން ކުންފުނީގެ ކޯޕަރޭޓް ޖޮއިންޓްވެންޗައެއްގެ ރަމްޒަކަށެވެ. އިންޓަ މަޔާމީ ކްލަބްގެ އެއް ވެރިއެއްގެ ގޮތުގައި ޑޭވިޑް ބެކަމްވެސް ހިމެނެ އެވެ.
ބާސެލޯނާ އިން ކެރިއަރު ފެށި މެސީ އެ ކްލަބް ދޫކޮށްލި ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހު ފްރާންސް ގެ ޕީއެސްޖީގައި ހޮޓަލެއްގައި ދިރިއުޅެން ޖެހުމުން މެސީ އަށް ވަނީ ބޮޑެތި މާޔޫސްވުންތަކެއް ގެނުވާފަ އެވެ. މެސީގެ އާއިލާއާއި ކުދިންގެ ކިޔެވުމަށް އަދި މެސީގެ ޒާތީ ދިރިއުޅުމަށް މިކަންކަމުން ހުރަސްއެޅިފައިވާތީ މި ހުރިހާ ކަމަކުން އަރައިގަތުމަށް މިވަގުތު އެންމެ ރަނގަޅު ނިންމުމަކަށް މެސީ އަށް ގަބޫލުކުރެވުނީ އިންޓަ މަޔާމީ އަށް ބަދަލުވުމަށް ކަމަށް މެސީ ބުނެފައިވެ އެވެ. މެސީ ބާސެލޯނާއަށް ގެނައުމުން ކްލަބަށް ރަނގަޅު ނުވާނެކަން ގަބޫލުކުރާ ބައެއް ތިބިކަން އެނގޭ ކަމަށާއި ނަމަވެސް މެސީ ބާސެލޯނާ އަށް ގެނައުމަށް އެދޭ އަދި ހިތްވަރުދޭ އެތައް ބަޔަކު ތިބިކަމުގައިވެސް މެސީ ބުނެފައިވެ އެވެ. އެކަމަކު ކުރިން ބާސާގައި ދިމާވި ދަތިތައް އަދިވެސް ދިމާވެދާނެކަމަށް މެސީގެ ހިތުގައި ބިރުވެރިކަން އެބައޮތް ކަމަށްވެސް މެސީ ބުނެފައިވެ އެވެ. އަދި ފައިސާ އަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި، ފައިސާ އަށް ބެލިނަމަ ސައުދީއަށް ވެސް ދެވުނީސް ކަމަށާއި ނަމަވެސް މިވަގުތު އާއިލާގެ ކަންކަމަށް އިސްކަން ދޭން ބޭނުން ކަމަށް މެސީ އަސަރާއެކު ބުނެފައިވެ އެވެ.
މެސީ އަކީ އާޖެންޓީނާއަށް ވޯލްޑް ކަޕް ހޯދާދީފައިވާ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މެސީ އަކީ ފީފާ އިން ދޭ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވޯޑް -- ބެލޮންޑޯ އެވޯޑް އެންމެ ގިނައިން ހޯދާފައިވާ އަދި ކެރިއަރުގައި 800 އަށް ވުރެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔެ އެކެވެ.