މެސީ

މެސީއާ އެކު 22 މިލިއަން ސަޕޯޓަރުން ޕީއެސްޖީއަށް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ރަސްމީކޮށް ސޮއި ކޮށްފި އެވެ.

ޕީއެސްޖީއަށް މެސީ ބަދަލުވި އިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ތަކެއްވެސް ވަނީ ޕީއެސްޖީއަށް ބަދަލުވެފަ އެވެ. މެސީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އިންސްޓަގްރާމުގައި ޕީއެސްޖީ ފޮލޯ ކުރަނީ 19.8 މިލިއަން މީހުންނެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 42.4 މިލިއަނަށް އަރާފަ އެވެ. މިއީ 22.6 މިލިއަނުގެ ތަފާތެކެވެ.

މެސީ ޕީއެސްޖީއަށް ސޮއި ކުރިކަން އެކްލަބުން އަންގާފައިވަނީ ޑްރޯން ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި މެސީ ހުންނަނީ ދަނޑުގެ މެދުރޮނގު މަތީގައި ބޯޅައެއް ހިފައިގެންނެވެ. އަދި މެސީ ލާފައި ވަނި 30 ނަންބަރު ޖާޒީ އެކެވެ.

ޕީއެސްޖީ އަށް މެސީ ބަދަލުވީ 40 މިލިއަން ޑޮލަރަށް ފްރީ ޓްރާންސްފާ އެއްގަ އެވެ.

ޕީއެސްޖީއަށް މެސީ ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އަދި މެސީ ބޭނުން ވެއްޖެ ނަމަ ތިން އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެ އެވެ.

މިއީ ބާސެލޯނާ ފިޔަވައި އެހެން ކްލަބަކަށް މެސީ ކުޅޭ ފުރަތަމަ ފަހަރެވެ. މެސީގެ މުޅި ކެރިއާ އޭނަ ހޭދަކޮށްފައި ވަނީ ބާސެލޯނާގަ އެވެ. އެކާވީސް އަހަރު ބާސެލޯނާގައި ހޭދަ ކުރި އިރު އޭގެ ތެރެއިން 18 އަހަރު މެސީ ކުޅެފައި ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށެވެ.