މެސީ

މެސީ، ފްރާންސަށް ހިނގައްޖެ

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަފަހަރު ހޯދާފައިވާ ލައިނަލް މެސީ ފްރާންސަށް ގޮސް ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދީފި އެވެ.

ހޯމަ ދުވަހުން ފެށިގެން ޕިއެސްޖީގެ ސަޕޯޓަރުން ވަނީ ޕެރިސްގެ މައި އެއާޕޯޓް ސަރަހައްދަށް އެއްވެފަ އެވެ. އެކަމަކު މިއަދުގެ މެންދުރު ފަހާއި ހަމައަށް މެސީގެ ސަޕޯޓަރުންނަށް އޭނާގެ އެެއްވެސް އިޝާރާތެއް ނުވެ އެވެ.

ސަޕޯޓަރުން ގޮސް ތިބި އެއާޕޯޓުން ކުއްލި އަކަށް މެސީ ފެނުނީ ހަވީރު ވަނިކޮށެވެ. މެސީ ޕެރިހަށް ގޮސްފައި މިވަނީ ޕީއެސްޖީގެ މެޑިކަލް ޓެސްޓުތައް ހެދުމަށް ފަހު އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މާދަމާގެ ވަގުތެއްގައި މެސީ ރަސްމީކޮށް ޕީއެސްޖީއަށް ސޮއި ކުރާނެ އެވެ.

މެސީ އާއި ޕީއެސްޖީން މިހާރު ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް އެކުލަވާލާފަ އެވެ. ނަމަވެސް ރަސްމީކޮށް އެއްބަސްވުމުގައި އަދި ސޮއި ނުކުރެ އެވެ.

މެސީގެ ޓްރާންސްފާ އާއި ގުޅޭ ގޮތުން އޭނާގެ ބައްޕަ ޖޯޖް މެސީ ބުނީ މިއަންނަ ސީޒަނުގައި މެސީ ކުޅޭނީ ޕީއެސްޖީއަށް ކަމަށެވެ. އަދި ބާސާ އާއި އެކު މެސީގެ ކޮންޓްރެކްޓް އާނުކުރެވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ފަރާތުންތޯ، ކުރި ސުވާލަށް ޖަވާބު ދެމުން މެސީގެ ބައްޕަ ބުނީ އެސުވާލު ކުރަން އެންމެ ރަނގަޅު ވާނީ ބާސެލޯނާ އާއި ކަމަށެވެ.