މޯލްޑިވް ގޭސް

ޝަޒައިލްގެ ސަސްޕެންޝަން އުވާލައިފި

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސަސްޕެންޑް ކުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވާލައިފި އެވެ.

މޯލްޑިވް ގޭހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަޒައިލްގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތު ނުވާ ކަމަށް އޭސީސީ އިން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ސަސްޕެންޝަން އުވައިލުމަށް ފަހު މިއަދުން ފެށިގެން ވަޒީފާގެ މަސްއޫލިޔަތުތައް ރުޖޫއަކޮށްފައިވާ ކަމަށެވެ.

ގޭހުގެ އެމްޑީ ޝަޒައިލް ސަސްޕެންޑް ކުރީ ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ރައީސް އޮފީހުން ގާއިމްކުރި ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގައެވެ.

އޭނާގެ މައްޗަށް ތުހުމަތުވި ކޮރަޕްޝަނާއި މަނީލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އޭސީސީ އާއި ފުލުހުން ވަނީ މައްސަލަތައް ފައިލް ކޮށްފަ އެވެ.

ޝަޒައިލްއަށް ތުހުމަތުވި މައްސަލަތަކުގައި އޭނާ މީގެ ކުރިން ވިދާޅުވީ މައްސަލައެއް އޮތް ނަމަ އެކަމެއް ބަލައި ތަހުގީގު ކުރަން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ތުހުމަތުކުރާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޝަޒައިލް ހުންނެވީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޝަޒައިލް ވަނީ ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަމާއި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.