މީހުން

މާއިލް: ތަނަވަސް ހިޔާލުގެ ޒުވާން ޑިވެލޮޕަރު

އެއީ މީގެ ގާތްގަނޑަކަށް ހަތަރު ވަރަކަށް އަހަރު ކުރި އެވެ. އޭރު މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އޮންލައިންކޮށް ކިޔާލަން ލިބޭ ހަމައެކަނި ލޯކަލް ނޫހަކީ ސަން އެވެ.

ސްމާޓްފޯނު ދިވެހިންގެ ގައިގައި ވަކި ހިއްޕަމުން އައި މި ދުވަސްކޮޅުގައި، މޯބައިލް އެޕްލިކޭޝަނާ ދިވެހި ނޫސްތައް ބީރައްޓެހިވުމުން، އޮންލައިންކޮށް އަދި މޯބައިލްކޮށް ދިރިއުޅުމަށް ލޯބިކުރި މީހުންނަށް "ނޫހުގެ ޕްލެޓްފޯމް" އޮތީ އެހާ ކަމުދާ ގޮތަކަށް ނޫނެވެ.

އެންމެ މަގްބޫލު ނޫސް ގަނެގެން ކިޔަން މީހުން ބޭނުމެއް ނުވެ އެވެ. ނޫސް ނުކުންނައިރު ޚަބަރުތައް މި ހުންނަނީ "ކުނިވެފަ" އެވެ. އަނެއްކޮޅުން ވެބްސައިޓަށް ވަދެ ޚަބަރު ކިޔަން އޮފީހުގައި ވަގުތެއް ނޯންނައިރު ޚަބަރު ވެބްސައިޓަކަށް ވަދެ ނޫސްކިޔަން ފޫހިވާ މީހުން ވެސް އެހާ ގިނަ އެވެ.

ގިނަ މީހުންނަށް، ވަގުތާއި ހާލަތު، މި ހުރިހާ ސަކަރާތަކަށް ފުރުސަތެއް ނުދެ އެވެ.

ޒުވާން ޑިވެލޮޕަރު މާއިލް ރަޝީދު ވެސް މިގޮތަށް ނޫސް ކިޔަން ފޫހިވީ މި ސަބަބާ ހެދި އެވެ. އެހެންވެ ދިވެހި މީޑިއާއާ އޭނާއާ ދެމެދު އަމިއްލަ އަށް ފާލަމެއް ގާއިމުކުރީ އެވެ. އެ މަގު ގަތާލީ މޯބައިލް އެޕްލިކޭޝަނެއްގެ ސިފައިގަ އެވެ.

ނަތީޖާ އަކީ ހިލޭ ސާބަހަށް ދޫކޮށްލާފައިވާ "ނޫސް" އެޕް އެވެ. ފަހަރަކު ނޫހަކަށް ވަދެ ޚަބަރު ހޭވުމަށް ވުރެ، ހުރިހާ ގޮތަކުން ވެސް ފަސޭހަ މައިދާނެއް އޭނާ އުފެއްދީ އެވެ.

އޭނާގެ މި އެޕްލިކޭޝަންގެ އައިއޯއެސް ވާޝަން އާންމުކުރީ 2012ގަ އެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު އެންރޮއިޑްގެ ފޭނުންނަށް ވެސް "ނޫސް" އެޕްގެ ދޮރު ހުޅުވާލީ އެވެ.

އެއަށް ފަހު، އެއް ފަހަރާ ހުރިހާ ލޯކަލް ނޫސްތަކެއްގެ ސުރުހީތައް ބަލާލެވޭ މި އެޕްލިކޭޝަން ވެފައި ވަނީ ރާއްޖޭގައި މިގޮތަށް ބޭނުންކުރާ އެންމެ މަގްބޫލު އެޕްލިކޭޝަނަށެވެ. އެންމެ ފުރަތަމަ ގޫގްލް އެޑްސް ލައިގެން މާއިލްގެ މި "އެޕް" ހިންގިޔަސް އޭނާގެ މި އުފެއްދުމުގައި އިޝްތިހާރުކުރަން އޮތް ޑިމާންޑް ވެސް މިހާރު އޮތީ ބޮޑުވެފަ އެވެ.

އެމްޕީއެލްގައި އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށް އޭނާ، އެކުވެރިންތަކަކާ އެކު މިހާރު މި މަސައްކަތަށް ހާއްސަވެފައި ވަނީ ވެސް މި ސަބަބާ ހެދި އެވެ. މި އެޕް އިތުރަށް ތަރައްގީކޮށް، ދިވެހިންގެ ދިރިއުޅުން މޯބައިލް އެޕްލިކޭޝަންގެ ދުވެލީގައި އަވަސްކޮށް ދިނުމަށް އޭނާގެ ހުރިހާ ވަގުތެއް ވެސް ހުސްކުރީ އެވެ.

"ނޫސް" އެޕަށް މިދިޔަ މަހު 1.4 މިލިއަން ވިއުސް ލިބުނުއިރު ދުވާލެއްގެ މައްޗަށް 50،000 ވިއުސް ދަނީ ލިބެމުންނެވެ. މާއިލް ބުނަނީ މިކަހަލަ އެޕަކަށް އަދި ރާއްޖޭގެ އޮންލައިން ނޫސްތަކަށް ބަލާއިރު މިއީ ވަރަށް ވެސް ރަނގަޅު އަދަދުތަކެއް ކަމަށެވެ.

އޭނާގެ މި މަސައްކަތަކީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މަސައްކަތެވެ. އެމްޕީއެލްގެ ވަޒީފާގައި އުޅެމުން ހަފުތާ ބަންދުތަކުގައި ވަގުތު ހޯދައިގެން އުފެއްދި އެޕްލިކޭޝަނެކެވެ.

އޭނާގެ ފުރަތަމަ ސޮފްޓްވެއާ އަކީ، ފިލްމު ކުއްޔަށް ދޫކުރުމުގެ ވިޔަފާރިއެއް ކުރަމުން ދިޔަ އޭނާގެ ބައްޕަގެ ވިޔަފާރި އަށް ފަސޭހަވާނެ ގޮތެއް ހެދުމަށް އުފެއްދި ސޮފްޓްވެއާ އެކެވެ. އެއީ ކުއްޔަށް ދޫކުރާ ފިލްމުތަކާ ބެހޭ ތަފްސީލު އޮންލައިންކޮށް ބެލެހެއްޓޭނެ ގޮތެކެވެ.

މާއިލް ބުނީ އެއީ ގްރޭޑް ދިހައެއްގައި އުޅެމުން، ސްކޫލްގެ ޕްރޮޖެކްޓެއްގެ ގޮތުގައި ވެސް ކުރި ކަމެއް ކަމަށެވެ.

އާދައިގެ ގޮތަކަށް މިކަމުގެ ތެރެއަށް ވަން ނަމަވެސް މިއަދު މާއިލް އަކީ ރާއްޖޭގައި ތިބި ޑިވެލޮޕަރުންގެ ކުރީ ސަފުގައި ހުރި ޒުވާނެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގައި މިފަހުން ބޭއްވި ފުރަތަމަ ހެކަތޯނުގެ އެއް ވަނަ އޭނާގެ ޓީމު ގެންދިއުމެކެވެ.

ހެކަތޯންގައި ބައިވެރިވެ މާއިލް އާއި އޭނާގެ އެކުވެރިޔާ ނާއިލް އުފެއްދި، "ވިންދު" އަކީ މި ހެކަތޯނުގެ އެންމެ އާދަޔާހިލާފު އުފެއްދުމެވެ. އެމީހުންގެ "ވިންދަކީ" ލޭ ހަދިޔާކުރަން ނުވަތަ ލޭ ހޯދަން ބޭނުންވާ ފަރާތްތަކަށް ގާއިމުކޮށްދީފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.

ރަސްމީކޮށް "ވިންދު" ލޯންކުރެވޭވަރުވާނީ އަންނަ މާޗް މަހު ކަމަށް މާއިލް ބުންޏެ އެވެ.

އޭނާ ބުނީ ރާއްޖޭގެ ސިއްހީ ނިޒާމުގެ އިންޖީނަށް މިފަދަ އޮންލައިން އެޕްލިކޭޝަންތަކެއް މެދުވެރިކޮށް އިންގިލާބީ ބަދަލުތަކެއް ވެސް ގެނެވިދާނެ ކަމަށެވެ. މިސާލަކަށް އޮންލައިންކޮށް ޑޮކްޓަރުންގެ ޑިއުޓީ ބަލައިގެން އެޕޮއިންޓްމެންޓް ހެއްދޭނެ ނިޒާމެއް ގާއިމުކޮށްގެން ގިނަ ފަސޭހަތަކެއް އާންމުންނަށް ފޯރުކޮށް ދެވިދާނެ ކަމަށް މާއިލް ބުންޏެވެ.

އޭނާ ހުރީ ރަސްމީ ފަރާތަކުން އެފަދަ ކަމަކަށް ޝައުގުވެރިވާ ނަމަ މިހާރު ވެސް މަސައްކަތް ފަށަން ތައްޔާރަށެވެ.