ކުޅިވަރު

އޭޝިއަންކަޕް ކޮލިފައިން އަންނަ ފެބްރުއަރީ މަހު

އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖް މެޗުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާނެ އެވެ.

މިހާރު ތާވަލު އޮތް ގޮތުން އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެއް ވަނަ ދުވަހު އެވެ. އަަދި މާޗު މަހުގައި ދެ މެޗު ކުޅުމަށް ހަމަޖައްސާފައި ވެއެވެ. އަދި ޖޫން މަހު މެޗަކާއި، ސެޕްޓެމްބަރު މަހު ދެ މެޗު ކުޅޭނެ އެވެ.

ނަމަވެސް ކޮވިޑްގެ ހާލަތަށް ބަލައި މެޗުތައް ކުރިއަށް ގެންދަން ހުރި ދުވަސްތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. މި އަންނަ އަހަރު ކުޅެން ނިންމާފައިވާ މި މެޗުތައް ކުޅެން ފުރަތަމަ ކަނޑައެޅީ މިއަހަރުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މެޗުތައް ވަނީ ލަސް ކޮށްފަ އެވެ.

އުނދަގޫ ހާލަތެއްގައި މުބާރާތަށް ތައްޔާރު ވުމަށް ޓީމުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ މި އަންނަ ފެބްރުއަރީ މަހު ފަށާ މުބާރާތުގެ ކޮލިފައިން ގްރޫޕް ސްޓޭޖް މެޗުތަކަށް ދުރާލައި ވިސްނާ، ތައްޔާރުވަންވީ ވަގުތު ކަމަށެވެ.

ވޯލްޑް ކަޕް / އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއިން އެންމެ ފަހުން ކުޅުނު މެޗުތަކަށް ތައްޔާރު ވެފައި ވަނީ ވަރަށް ދަތީގަ އެވެ. އަމިއްލަ ފަސްގަނޑުގައި ފަރިތަ ކުރުންތައް ކުރިއަށް ނުގެންދެވި ޓީމު ވަނީ ދުބާއީގައި ކޭމްޕު ކޮށްފަ އެވެ. އޭގެ ކުރިން ޕްރެކްޓިސް ކޮށްފައި ވަނީ ހޮޓެލް ޖެން ތެރޭ ކާޕެޓް މަތީގަ އެވެ. އެންމެ އެދެވޭ ގޮތުގައި ފަރިތަކުރުންތައް ނުގެންދެވުމުން އެކަމުގެ ނޭދެވޭ އަސަރު މެޗުތަކުން ވަރަށް ބޮޑަށް ފެނުނެވެ.