އޭޝިއަން ކަޕް ކޮލިފިކޭޝަން

ކޮލިފައިންގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ

ޗައިނާގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ މުބާރާތުގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން ކުޅުނު ފުރަތަމަ މެޗުން އިންޑޮނޭޝިއާ އަތުން 4-0 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ މި މެޗުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ރާއްޖޭގެ ޒުވާން ކުޅުންތެރިން މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ހިތްވަރާއެކު ކުޅުނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންޑޮނޭޝިއާ އިން ގިނަ ހަމަލާތަކެއް ދިން ނަމަވެސް ރާއްޖޭގެ ދިފާއީ ގޮޅިން ހުޝިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވި އެވެ.

ދެވަނަ ހާފު ފެށުމާއެކު އިންޑޮނޭޝިއާ އިން ފުރަތަމަ ގޯލު ޖެހި އެވެ. އޭގެ ފަހުން ކުޑައިރުކޮޅެއްގެ ތެރޭގައި އިތުރު ދެ ގޯލު އިންޑޮނޭޝިއާއިން ޖެހި އެވެ.

ރާއްޖޭގެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި އިންޑޮނޭޝިއާގެ ގޯލަށް ނުރައްކާވެސް ކުރި އެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން އިންޑޮނޭޝިއާއިން އިތުރު އެއް ގޯލު ޖަހައި، މެޗު ނިންމާލީ 4-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިން މުބާރާތުގެ ގްރޫޕް އެފްގައި ރާއްޖެއާއި އިންޑޮނޭޝިއާގެ އިތުރުން ޔަމަނާއި ޓިމޯ ލެސްޓޭ ހިމެނެ އެވެ. ރާއްޖޭގެ ޓީމުން ދެން ކުޅޭނީ ހުކުރު ދުވަހު ޔަމަނާ ދެކޮޅަށެވެ.