ރޮމޭނިއާގެ ނެޝަނަލް އެރީނާގައި މިރޭ މާލޭ ގަޑިން 9:00 ޖަހާއިރު ޔޫކްރެއިންާއި އޮސްޓްރިއާ ބައްދަލު ކުރާ މެޗުގައި ދެ ޓީމުން ކުރެއް އެއް ޓީމަކަށް ވެސް ބިރެއް ނެތެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުންނަ އިރު ޔޫކްރެއިނާއި އޮސްޓްރިއާއަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. ފައިދާ އެއް ގޯލާއެކު ދެ ވަނައިގައި މިވަގުތު އޮތީ ޔޫކްރެއިނެވެ. ދެވަނަ ބުރު ގާތް ގަނޑަކަށް ޔަގީން ވެފައި ވާތީ، ދެ ވަނަ އާއި ތިން ވަނައިގެ މާ ބޮޑު ފަރަގެއް މި ގްރޫޕުގައި ނޯންނާނެ އެވެ. ދެ ވަނައަށް ދާ ޓީމެއް ބައްދަލު ކުރާނީ ގަދަ 16 ގެ އިޓަލީއާ އެވެ. ތިން ވަނަ އަށް ދާ ޓީމް ބައްދަލު ކުރާނީ ގްރޫޕް އެފް ނުވަތަ އީ ގެ އެއްވަނަ ޓީމާ އެވެ.
ނޯތު މެސެޑޯނިއާ އާއި ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށް ފަހު މެސެޑޯނިއާގެ އަލިއޮސްކީއަށް ފުރައްސާރަ ކުރި ކަމަށް ބުނެ ސަސްޕެންޑު ކުރި އަނަޓޯވިޗަށް މިރޭގައި ކުޅެވޭނެ އެވެ. މިއީ އޮސްޓްރިއާ ޓީމަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވާއިރު، މި މެޗުގައި އޭނާ އަރުވާނެ ކަމަށް ކޯޗު ފްރެންކޯ ފޮޑާ ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އަނަޓޯވިޗް އަށް އެކަނި ބަރޯސާ ނުވާނެ ކަމަަށާއި، މުޅި ޓީމުގެ ކުޅުން ރަނގަޅު ކުރަން ޖެހޭނެ ކަމަށް ފްރެންކޯ ބުންޏެވެ.
މިހާތަނަށް ބައިނަލްއަގްވާމީ ގޮތުން މި ދެޓީމު ބައްދަލު ކޮށްފައި ވަނީ އެންމެ ދެ ފަހަރުގަ އެވެ. އަދި ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅު ވެފަ އެވެ. އެހެން ކަމުން ތާރީހަށް ބަލާ ނަމަ މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް މުހިންމެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ގްރޫޕުގެ ދެވަނަ އަށް އަރާނެ އެވެ. އަދި 3-0 އަށް ވުރެ ބޮޑު ނަތީޖާ އަކުން ޔޫކްރެއިން މޮޅު ވެއްޖެ ނަމަ އެ ޓީމު ގްރޫޕުގެ އެއްވަނައަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަރާނެ އެވެ. މިހާރުވެސް ބެލެވޭ ގޮތުގައި މިރޭ 9:00 ޖަހާއިރު ނެދަލެންޑްސް އާއި މެސެޑޯނިއާ ބައްދަލު ކުރާ މެޗުން ނެދަލެންޑްސް މޮޅު ވާނެ އެވެ. އޭރުން އަނެއްކާ ވެސް ޔޫކްރެއިން ގްރޫޕް ސީގެ ދެވަނަ އަށް ވެއްޓޭނެ އެވެ.
ހަ ޕޮއިންޓާއި އެކު ގްރޫޕުގެ އެއް ވަނައިގައި ނެދަލެންޑްސް އޮތް އިރު، ޔޫކްރެއިނާއި އޮސްޓްރިއާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޔޫކްރެއިން ދެ ވަނައިގައި އޮތީ ފައިދާ އެއް ގޯލުންނެވެ. އޮސްޓްރިއާ އޮތީ ތިން ވަނައިގަ އެވެ. މޮޅެއް ނުލިބި މެސެޑޯނިއާ އޮތީ ގްރޫޕުގެ ފުލުގަ އެވެ.