ޔުއެއާފާ ޔޫރޯ 2020

ފަސޭހަ މޮޅަކާއި އެކު އިންގްލެންޑް ސެމީ ފައިނަލަށް

ޔޫކްރެއިން ކޮޅަށް ގިނަ ގޯލު ތަކެއް ޖަހައި އިންގްލެންޑުން ފަސޭހަ މޮޅަކާއި އެކު ޔޫރޯ 2020 އިގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ ޔުކްރެއިނާއި އިންގްލެންޑް ބައްދަލު ކުރި މެޗުން އިންގްލެންޑް މޮޅުވީ 4-0 ގެ ނަތީޖާ އަކުންނެވެ. މިއާއެކު ޝެވްޗެންކޯގެ ތާރީހީ ދަތުރަށް ނިމުމެއް ގެނެސް އިންގްލެންޑުން ވަނީ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފަ އެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނަގައި އިންގްލެންޑުން ކުޅެމުން އައީ ވަރަށް ހަމަޖެހިގެންނެވެ. މި ގޯލު އިންގްލެންޑަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. ކޭން މި ގޯލު ކާމިޔާބު ކުރީ ސްޓާލިން ދިން ވަރަށް ރީތި ޕާހެއް އޭރިއާ ތެރޭގައި ހުރެފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން ޔުކްރެއިނުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ. އެގޮތުން އިންގްލެންޑުގެ ޑިފެންސް ލައިނުން ހެދި ގޯހަކުން ލިބުނު ފުރުސަތެއްގައި ޔަރެމްޗުކް ފޮނުވާލި ބޯޅަ އިންގްލެންޑުގެ ކީޕަރު މަތަކުރި އިރު ޝަޕަރެންކޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން އިންގްލެންޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އިންގްލެންޑުން ވަނީ ތިން ގޯލު ޖަހައި ޔަގީންކަން ބޮޑުކޮށްފަ އެވެ. މެޗުގެ 46 ވަނަ މިނެޓުގައި ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ހެރީ މެގުއާ ގޯލު ޖެހިއިރު 50 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. މެޗުގެ ހަތަރު ވަނަ ލަނޑު އިންގްލެންޑަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓް ނަގައިދިން ކޯނަރަކުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯޑަން ހެންޑަސަން އެވެ.

ތަފާތު ބޮޑު ލީޑެއް ލިބިފައި އޮތުމުން ދެވަނަ ހާފުގެ ފަހުކޮޅު އިންގްލެންޑުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ލަސް ކުޅުމެކެވެ. ދެވަނަ ހާފުގައި ޔުކްރެއިނަށް މާގިނަ ހަމަލަތަކެއް އުފެއްދިފައި ނުވާއިރު 74 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން މަކަރެންކޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑްއާ ދިމާއަށެވެ.

މި ނަތީޖާ އާއި އެކު އިންގްލެންޑް ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވާއިރު، އެޓީމު ބައްދަލު ކުރަން ޖެހޭނީ ޑެންމާކާ އެވެ.