ބޭނުންވި ކަންތައް ވެއްޖެ ކަމަށާއި ދެން ލިބޭ އެއްޗަކީ ބޯނަސް ޕޮއިންޓެއް ކަމަށް ޔުކްރެއިންގެ ކޯޗު ޝެވްޗެންކޯ ބުނެފި އެވެ.
ޔޫރޯ 2020 އަށް ނިކުން އިރު ޔުކްރެއިންގެ އަމާޒަކީ ގަދަ 16 ފަހަނަ އަޅާ މުބާރާތުގައި އެމީހުންގެ ގައުމަށް ކުރިން ނުދެވޭހާ ކުރިއަށް ދަތުރު ކުރުމެވެ. އެކަން މިހާރު އެމީހުންނަށް ވަނީ ހާސިލް ކުރެވިފަ އެވެ.
އޮއިވަރު އޮތްގޮތް
މީގެ ކުރިން އިންގްލެންޑާއި ޔުކްރެއިން ބޮޑު މުބާރާތެއްގައި ބައްދަލު ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ޔޫރޯ 2012 އިގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވީ 1-0 އްގެ ނަތީޖާ އަކުންނެވެ. ހުރިހާ ޝުކުރެއް ހައްގީ އިންގްލެންޑުގެ ރިޓަޔަޑް ތަރި ވޭން ރޫނީ އަށެވެ.
މީގެ ކުރީގައި އިންގްލެންޑުން ޔޫރޯގައި ކުޅުނު ތިން ކުއާޓާ ފައިނަލުގައި ވަނީ އިތުރުވަގުތު ކުޅެ ޕެނަލްޓީ ޖަހަން ޖެހިފަ އެވެ. އެގޮތުން 1996 ގައި ސްޕެއިން އަތުން އިންގްލެންޑު މޮޅުވި އިރު، 2004 އަދި 2012 ގައި އިންގްލެންޑް ވަނީ ޕޯޗުގަލް އާއި އިޓަލީ އަތުން ބަލިވެފަ އެވެ.
ގްރުޕް ސްޓޭޖުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް ގަދަ 16 އިގެ މެޗުން ސްވިޑެން ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރު ކުރުމުން ޔުކްރެއިން ޓީމު އޮތީ ވަރަށް ފޯރީގަ އެވެ. އަދި މިހާތަނަށް ޔޫރޯގައި ދެވިފައި ނުވާހާ ކުރިއަށް ދެވުމަކީ މިރޭގެ މެޗަށް ނުކުންނަ އިރު އިންގްލެންޑާއި އަޅާ ބަލާއިރު އެމީހުންނަށް އޮތް ޕްރެޝާ ކުޑަ ވާނެ ސަބަބެކެވެ.
ޔުކްރެއިން
މިރޭގެ މެޗަކީ ޔުކްރެއިން ކުޅުންތެރިންގެ އިތުރުން އެމީހުންގެ ކޯޗު ޝެވްޗެންކޯ އަށްވެސް ވަރަށް ހާއްސަ މެޗެކެވެ. މުބާރާތުގައި ކުރިން ނުދެވޭހާ ކުރިއަށް ދެވިފައި ވުމުން މިރޭގެ މެޗުން މޮޅުވެ ތާރީހުގައި ރަން އަކުރުން އެމީހުންގެ ނަން ލިޔެލަން ކުރީގެ ޔޫރަޕް ބައްރުގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ޝެވްޗެންކޯ ބޭނުންވާނެ ކަން ގައިމެވެ.
ޝެވްޗެންކޯއަކީ ޔުކްރެއިނަށް އުފަން، އޭނާ ކުޅުނު ޒަމާނުގައި ޔޫރަޕް ސަރަހައްދުގެ އެންމެ މޮޅު އެއް ސްޓްރައިކަރުގެ ގޮތުގައި ވިދާލި ކުޅުންތެރިއެކެވެ. އެހެން ކަމުން އޭނާގެ ކޯޗު ކަމުގެ ދަށުގައި ޓީމު އެހެން ހަރުފަތަކަށް ގެންދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެކަން ގައިމެވެ.
މިރޭގެ މެޗާއި ގުޅޭ ގޮތުން ޝެވްޗެންކޯ ބުނީ ބޭނުންވި ކަންތައް ވެއްޖެ ކަމަށާއި ދެން ލިބޭ އެއްޗަކީ ބޯނަސް ޕޮއިންޓެއް ކަމަށެވެ. އެހެން ކަމުން މެޗުގައި އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، މުބާރާތުގެ ވަރުގަދަ ޓީމެއްގެ ގޮތުގައި އިންގްލެންޑް ބެލެވިފައި ވާތީ ޕްރެޝާ އޮތީ އެޓީމަށް ކަމަށެވެ.
އިންގްލެންޑަކީ މޮޅު ޓީމެއް ކަމާއި އެ ޓީމުގެ ކޯޗު ސައުތުގޭޓުގެ މޮޅުކަން ފާހަގަ ކުރަމުން ޝެވްޗެންކޯ ބުނީ މިރޭގެ މެޗަށް ޔުކްރެއިނުން އޮތީ ވަރަށް ރަނގަޅު ތައްޔާރުވެ އިންގްލެންޑު ސަޕްރައިޒް ކޮށްލަން ކަމަށެވެ.
އިންގްލެންޑް
މިރޭގެ މެޗަށް ނުކުންނަ އިރު އިންގްލެންޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެޓީމުގެ ސްޓާލިން އާއި ހެރީ ކޭންގެ ފަރާތުން ރަނގަޅު ކުޅުމަކާއި ގޯލުތަކެއް ފެނިފައި ވާތީ އެމީހުންގެ އެޓޭކް ލައިން އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަން ގައިމެވެ. އަނެއް ކޮޅުން މިއަހަރުގެ ޔޫރޯގައި އިންގްލެންޑުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ޔުކްރެއިނާއި އަޅާ ބަލާއިރު ތަޖުރިބާ އާއި ކުޅުންތެރިންގެ ފެންވަރުގެ ގޮތުން އިންގްލެންޑް ކުރީގައި އޮތުމީ މިރޭގެ މެޗަށް ނިކުން އިރު އެމީހުންނަށް ލިބެނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
އިންގްލެންޑުގެ ކޯޗު ސައުތުގޭޓު ބުނީ ޔުކްރެއިނުން މިހާރު ދައްކަމުން އަންނަނީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި، ޝެވްޗެންކޯ އޭނާގެ ޓީމު ގެންގޮސްފައިވާ ހިސާބާމެދު ހައިރާންވާ ކަމަށެވެ. އެހެން ކަމުން އެމީހުންނަށް ކުޅެން ފުރުސަތު ދީފި ނަމަ އެމީހުންގެ ފަރާތުން ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި އެމީހުންގެ އެޓޭކިން ވަރަށް ވަރުގަދަ ވާނެތީ އެކަމަށް ވަރަށް ބޮޑަށް ސަމާލު ވާނެ ކަމަށެވެ.
ޔުކްރެއިނާއި އިންގްލެންޑުގެ ކުރިމަތިލުންތައް
މިހާތަނަށް އިންގްލެންޑާއި ޔުކްރެއިން ވަނީ ހަތް މެޗުގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މެޗުން އިންގްލެންޑް މޮޅުވި އިރު ދެ މެޗުން ވަނީ އެއްވަރު ވެފަ އެވެ. ޔުކްރެއިނަށް މޮޅުވެވުނީ އެންމެ މެޗެއްގަ އެވެ. ޖުމްލަ ހަތް މެޗު ކުޅެފައި ވާއިރު ޔުކްރެއިނަށް އިންގްލެންޑުގެ ކޮޅަށް ޖެހުނީ އެންމެ ތިން ގޯލެވެ. އަދި މެޗެއްގައި އެއް ގޯލަށްވުރެ ގިނައިން ޖެހިފައެއް ނުވެ އެވެ.