ޔޫރޯ 2020ގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ސްވިޑެން އާއި ޔޫކްރެއިން ބައްދަލު ކުރާ މެޗަކީ ޔޫކްރެއިންގެ ކޯޗު ޝެވްޗެންކޯ އަށް ވަރަށް ހާއްސަ މެޗެކެވެ.
އެންމެ ފަހުން މި ދެޓީމު ބައްދަލު ކުރީ ޔޫރޯ 2012ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގަ އެވެ. އެ މެޗުގައި ފަހަތުން އަރައި 2-1 އިން ޔޫކްރެއިން މޮޅުވި އިރު ޔޫކްރެއިންގެ ދެ ގޯލު ޖަހައިދިނީ މިހާރުގެ ކޯޗު އަދި އޭރުގެ ފޯވާޑު ޝެވްޗެންކޯ އެވެ. އޭގެ އަށް އަހަރު ފަހުން މި ދެޓީމު ބައްދަލުކުރާއިރު މިރޭގެ މެޗުން ޔުކްރެއިން މޮޅު ކުރަން ޝެވްޗެންކޯ އަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ޔަގީންކުރެވެ އެވެ.
އޮއެވަރު އޮތްގޮތް
ޔޫކްރެއިން އިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ތިން ޕޮއިންޓާއި އެކު އެއް މެޗުން މޮޅުވެ ދެ މެޗުން ބަލިވެގެންނެވެ. އެއީ ގްރޫޕްގެ ތިން ވަނައިގައި ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ޔޫކްރެއިން އަކީ މިފަހަރުގެ ޔޫރޯ ގައި އެންމެ ދަށްކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ޓީމެވެ. ސްވިޑެން އިން ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕްގެ އެއް ވަނައިގައި ދެމެޗުން މޮޅުވެ އެއް މެޗުން އެއްވަރު ކޮށްގެން ލިބުނު ހަތް ޕޮއިންޓާއި އެކުގަ އެވެ.
މިއީ މި ދެ ޓީމު ބައްދަލުކުރާނެ ފަސްވަނަ ފަހަރު ކަމަށް ވާއިރު، ސްވިޑެންއަށް ޔޫކްރެއިން ބަލި ކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2011 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި 1-0 ގެ ނަތީޖާ އަކުންނެވެ.
ސްވިޑެން އިން ޔޫރޯގެ ގަދަ 16 އަށް ދަތުރު ކުރި މިއީ ތިންވަނަ ފަހަރެވެ. ޔޫރޯ 1992ގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ސްވިޑެން ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ. އޭގެ ފަހުން 2004 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ނެދަލެންޑްސް ކައިރިން ސްވިޑެން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
ޔޫރޯގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ޔުކްރެއިން ވަނީ ބަލި ވެފަ އެވެ. ލިބުނު ހަމަ އެކަނި މޮޅަކީ މިއަހަރުގެ ޔޫރޯގައި ނޯތު މެސެޑޯނިއާ އަތުން ލިބުނު މޮޅެކެވެ. މިއީ ވޯލްޑް ކަޕު 2006ގެ ފަހުން ޔުކްރެއިން ބޮޑު މުބާރާތެއްގެ ގަދަ 16 އަށް ދަތުރު ކުރި ދެވަނަ ފަހަރެވެ.
ސްވިޑެން
މުބާރާތުގައި ކުރިއަށް ދާން ބޭނުން ނަމަ މޮޅުވާން މަޖުބޫރު މިރޭގެ މެޗުގައި ޑިޖެން ކުލުސެވްސްކީ އާއި ވިކްޓޯ ކަލެއިސަންގެ ބޭނުން ހިފަން ސްވިޑެން ޓީމަށް ވަރަށް މުހިއްމެވެ. ބެލެވޭ ގޮތުގައި މި ދެކުޅުންތެރިން ނުވަތަ އެއް ކުޅުންތެރިއެއް ނަމަވެސް މިރޭގެ ފުރަތަމަ އެގާރައިން ފެނިގެންދާނެ އެވެ. އޭރުން މިހާރުވެސް ވަރުގަދަ ޑިފެންސް ލައިނެއް އޮންނަ ސްވިޑެންއަށް އެޓޭކް ކުރުމަށް ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ވެގެން ދާނެ އެވެ.
މިރޭގެ މެޗާއި ގުޅޭ ގޮތުން ސްވިޑެންގެ ކޯޗު ޔާނޭ އެންޑާސަން ބުނީ ޔޫކްރެއިން އަކީ ރަނގަޅު ޓީމެއް ކަމަށެވެ. އަދި އެމީހުން ޑިފެންސުން އެޓޭކަށް ބަދަލު ކޮށްލާ ގޮތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އޮސްޓްރިއާ މެޗަށް ފަހު ޔޫކްރެއިންގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް ސްވިޑެންއަށް ވުރެ ގިނަ ދުވަސް ރެސްޓު ކުރަން ލިބުމުން އެކަމުގެ ފައިދާ ޔޫކްރެއިން އަށް ލިބޭނެ ކަމަށެވެ.
ޔޫކްރެއިން
ޔޫކްރެއިން އިން މިރޭގެ މެޗަށް ނިކުންނަ އިރު އެޓީމަކީ މުބާރާތުގައި އެންމެ ދަށްކޮށް ދެވަނަ ބުރަށް ދަތުރު ކުރި ޓީމެވެ. އެހެން ކަމުން ފާއިތުވި މެޗު ތަކުން ރަނގަޅު ފިލާވަޅެއް ނަގައި މުޅި ޓީމު އެކީ އެކައްޗެއްގެ ގޮތުގައި މަސައްކަތް ކޮށްފި ނަމަ ޔޫކްރެއިން އަށް މިރޭގެ މެޗުން މޮޅުވުމަކީ ނުވާނެ ކަމެއް ނޫނެވެ.
ޔޫކްރެއިންގެ ކޯޗު އަންދްރީ ޝެވްޗެންކޯ ބުނީ ސްވިޑެން ޓީމަކީ ވަރަށް ރޭވުންތެރި ޓީމެއް ކަމަށާއި، އެޓީމަށް އިހްތިރާމް ކުރާ ކަމެކެވެ. އަދި އެމީހުންގެ ވަރަށް މޮޅު ދެ އެޓޭކަރުން އެބަތިބި ކަމަށާއި އެމީހުންގެ ޕާސްތައް ވަރަށް މޮޅު ވާނެ ކަމަށް ޝެވްޗެންކޯ ބުންޏެވެ. އޭނާ ބުނީ އެހެން ވީމާ މިރޭގެ މެޗަށް ތައްޔާރުވާނީ އެހުރިހާ ކަމަކަށް ވަރަށް ރަނގަޅަށް ވިސްނައިގެން ކަމަށެވެ.
ޔޫކްރެއިން އާއި ސްވިޑެންގެ ކުރިމަތިލުންތައް
މިހާތަނަށް ހަތަރު ފަހަރަކު މި ދެޓީމުން ވަނީ ކުރިމަތިލާފަ އެވެ. މީގެތެރެއިން ތިން މެޗުން ސްވިޑެން ބަލިވިއިރު ސްވިޑެން އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ބޮޑު މުބާރާތެއްގައި މި ދެޓީމު ބައްދަލު ކުރީ ޔޫރޯ 2012 ގައެވެ. އެ މެޗުން 2-1 ގެ ނަތީޖާ އަކުން މޮޅުވީ ޔޫކްރެއިން އެވެ.