ސްވިޑެން އަތުން ބަލިވެ ޕޮލެންޑް ޔޫރޯ 2020 އަށް އަލްވަދާއު ކިޔައިފި އެވެ.
ރަޝިޔާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި މިރޭ ސްވިޑެން އާއި ބައްދަލު ކުރި މެޗުން ޕޮލެންޑް ބަލިވީ 3-2 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މެޗުގައި ލީޑު ނަގައި ފުރަތަމަ ކުރި ހޯދީ ސްވިޑެން އިންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ލަނޑު ސްވިޑެންއަށް ކާމިޔާބު ކޮށްދިނީ ފޯސްބާގެވެ. މެޗުގެ ފުރަތަމަ ކޮޅު ލީޑު ނެގި ނަމަވެސް ސްވިޑެން އަށް ދެން މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ.
އޭގެ ފަހުން ގިނަ ހަމަލާތަކެއް އުފެއްދީ ޕޮލެންޑުނެނެވެ. އެގޮތުން ޓީމުގެ ކެޕްޓަން ލެވެންޑޮސްކީ ބޮލުން ޖެހި ބޯޅަ ސްވިޑެންގެ ކީޕަރު ދިފާއު ކުރި ނަމަވެސް ވަނީ ރިބައުންސް ވެފަ އެވެ. އެބޯޅަ އަނެއްކާ ވެސް ގޯލަށް ޖެހިއެވެ. މިފަހަރު އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ހާފު ނިމެނިކޮށް ލެވަންޑޮސްކީ ފޮނުވާލި ބޯޅަ ހުށިޔާރު ކަމާއެކު ސްވިޑެންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އިތުރު ގޯލެއް ނުފެނެ އެވެ. ދެވަނަ ހާފުގައި ސްވިޑެން އަށް ލީޑު ފުޅާ ކޮށްދިނީ އަނެއްކާވެސް ފޯސްބާގް އެވެ. މި ހިސާބުން ޕޮލެންޑް ޓީމް ހިތްވަރު އެލުވާ ނުލައެވެ. ފަހަތުން އަރާ ސްވިޑެންއާއި ހަމަ ކުރީ ލެވަންޑޮސްކީ ޖަހައިދިން ދެ ލަނޑުންނެވެ. ނަމަވެސް މެޗުގެ ފަހު މިނެޓުގައި ކްލޭސަން ވަނީ ޕޮލެންޑުގެ ގޯލު ފޫ އަޅުވާލާ އެޓީމު ރޮއްވާލާފަ އެވެ.
މި ނަތީޖާ އާއެކު ޕޮލެންޑު މުބާރާތުން ކެޓީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގަ އެވެ. މެޗުން މޮޅުވެ ސްވިޑެން ދެވަނަ ބުރަށް ދަތުރު ކުރީ ހަތް ޕޮއިންޓާއި އެކުގަ އެވެ. ދެވަނައިގައި ދެވަނަ ބުރަށް ސްޕެއިން ދިޔައީ މިރޭގެ މެޗުން ހޯދި ބޮޑު މޮޅާއެކު ފަސް ޕޮއިންޓުންނެވެ. ސްލޮވާކިއާއަށް މުބާރާތް ގެއްލުނީ މިރޭގެ މެޗުން ބޮޑު ތަފާތަކުން ބަލިވެ ތިން ވަނައިގައި ތިން ޕޮއިންޓާއި އެކުގަ އެވެ.