ޔުއެއާފާ ޔޫރޯ 2020

ބޮޑު މޮޅަކާއި އެކު ސްޕެއިން ދެވަނަ ބުރަށް

ލަނޑު ގޯންޏަކަށް ވާހަކަހަލަ، ބޮޑު މޮޅަކާއެކު ޔޫރޯ 2020 ގެ ދެވަނަ ބުރަށް ސްޕެއިން ދަތުރު ކޮށްފި އެވެ.

ސްޕެއިންގެ އެސްޓާޑިއޯ ޑި ލަކާޓްޖާ ސްޓޭޑިއަމްގައި މިރޭ ސްލްވާކިއާ އާއި ބައްދަލު ކުރި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. އެ ނަތީޖާއާއެކު ޔޫރޯ 2020 ގައި އެއް ޓީމަކުން މިހާތަނަށް މެޗެއްގައި އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ސްޕޭނެވެ. މި ގޯލު ތަކުގެ އިތުރުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް މިރޭ ސްޕެއިނަށް ލިބުނެވެ.

މުޅި މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނީ ސްޕެއިން ޓީމުންނެވެ. ފުރަތަމަ ހާފުގައި ލިބުނު ގިނަ ފުރުސަތުތައް ބޭކާރުވި ނަމަވެސް އެ ހާފު ނިމެނިކޮށް ސްޕެއިން އަށް ލީޑު ލިބުނީ ސްލޮވާކިއާ ކީޕަރު އަތުން ބައިކޮޅަށް ވަތން ލަނޑުންނެވެ. މިއާއެކު ސްލޮވާކިއާގެ ގޯލު ފޫއަޅައި، ގިނަ ގޯލުތައް ވަންނަން ފެށި އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސްޕެއިނަށް ލީޑު ފުޅާ ކޮށްދިނީ މިފަހުން ސްޕެއިނަށް ރަށްވެހިކަން ބަދަލު ކުރި ލަޕޯޓް އެވެ. މިއީ އޭނާ ސްޕެއިން އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކާފައި ވަނީ ސްޕެއިން އިންނެވެ. ދެވަނަ ހާފު ފެށި މާ ގިނައިރެއް ނުވެ ސްޕެއިނަށް ލީޑު ފުޅާ ކޮށްދިނީ ސަރާވިއާ އެވެ. އޭނާގެ ގޯލަކީ އަލްބާ ނަގައިދިން ހުރަހެއް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ގޮލަށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އަދި ސްޕެއިންގެ ހަތަރުވަނަ ލަނޑު ފެރާން ޓޯރޭސް ކާމިޔާބު ކޮށްދިނީ މޮރާޓާގެ ބަދަލުގައި ކުޅެން އަރައި މިނެޓެއް ނުވަނީސް ޖެހި ލަނޑެކެވެ. އޭނާ މި ގޯލު ޖަހާފައި ވަނީ ސަރާވިއާ ދިން ޕާހަކުންނެވެ. ސްޕެއިންގެ ފަސް ވަނަ ލަނޑަކީ ވެސް ސްލޮވާކިއާ ކީޕަރު އަތުން ބައިކޮޅަށް ވަތން ލަނޑެކެވެ.

މި ނަތީޖާ އާއެކު ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕްގެ ދެ ވަނައިގައި ފަސް ޕޮއިންޓާއެކު އެވެ. މިރޭ ކުޅުނު މެޗުން މޮޅުވެ އެއް ވަނައިގައި ހަތް ޕޮއިންޓާއެކު ސްވިޑެން ވަނީ ދެވަނަ ބުރު ކަށަވަރު ކޮށްފަ އެވެ. މިރޭގެ މެޗުންވީ ބޮޑު ބައްޔާއެކު ސްލޮވާކިއާ އޮތީ ތިން ޕޮއިންޓާއިއެކު ތިން ވަނައިގަ އެވެ. ބައިކޮޅަށް ގިނަ ގޯލު ވަނުމުގެ ސަބަބުން ތިން ވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ސްލޮވާކިއާ އަށް ވަނީ ގެއްލިފަ އެވެ. ޕޮލެންޑް މުބާރާތް ނިންމާލީ އެއް ޕޮއިންޓާއި އެކު ގްރޫޕްގެ ފުލުގަ އެވެ.