މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ފަހު ވަގުތުގައި ޖެހި ގޯލުން ޔުކްރެއިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. މިރޭގެ ސްވިޑެން އާއި ބައްދަލު ކުރި ގަދަ 16 އިގެ ފަހު މެޗުން ޔުކްރެއިން މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.
ހެމްޕްޑެން ޕާކުގައި މިރޭ ކުޅުނު މެޗުން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޔުކްރެއިން ޓީމުންނެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޒިންޗެންކޯ އެވެ. މި ލަނޑަކީ ޔާމަލެންކޯ ދިން ޕާހަކުން މުޅިން ހުސްކޮށް ހުރެފައި އެހާ ބާރަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ.
ޔުކްރެއިންގެ ލަނޑާއެކު ސްވިޑެން ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލު ޖަހަން މަސައްކަތް ކުރި އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޑެން އިން ވަނީ ނަތީޖާ ހަމަ ކޮށްފަ އެވެ. މި ގޯލަކީ އޭރިއާ ބޭރުގައި ހުރެފައި އެމިލް ފޯސްބާގް ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބު ކުރި ލަނޑެކެވެ. ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޔުކްރެއިންގެ ޑިފެންޑަރު ޒަބާނީގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެނެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑެވެ.
ދެވަނަ ހާފުގައި ގޯލު ޖަހަން ދެޓީމަށް ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފި ވަނީ ބޭކާރު ވެފަ އެވެ. އެގޮތުން ސްވިޑެންގެ ފޯސްބާގް ފޮނުވާލި ދެހަމަލާ ޔުކްރެއިން ގޯލުގެ ދަނޑިއަށް އަމާޒުވި އިރު ޔޫކްރެއިންގެ ސީޑޯޗުކް ފޮނުވާލު ހަމަލާ އަމާޒުވީ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދެވަނަ ހާފު 1-1 އިން އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރެން ޖެހުނީ 15 މިނެޓުގެ އިތުރު ދެހާފު ކުޅެގެންނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްވިޑެންގެ ބެސެޑިންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑެނިއެލްސަނަށް ރީނދޫ ކާޑެއް ދެއްކި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ ރީންދޫ ކާޑު ކެންސަލްކޮށް ރަތް ކާޑެއް ދައްކާފަ އެވެ. މިއާއެކު ސްވިޑެން އަށް މަޖުބޫރުވީ ފަހަތަށް ޖެހިގެން ޑިފެންސް ކުރާށެވެ.
މިރޭގެ މެޗުން ޔުކްރެއިން މޮޅުވި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުރު ވަގުތުގެ ފަހު ހާފު ނިމެނިކޮށް 120+1 ވަނަ މިނެޓުގަ އެވެ. ޒިންޗެންކޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ހަމަލާއަކުން ޔޫކްރޭނަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ޑޮވްބީކް އެވެ.
މި ނަތީޖާ އާއި އެކު ސްވިޑެން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު އިރު ޔުކްރެއިން ވަނީ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފަ އެވެ. ޔުކްރެއިން އިން ކުއާޓާ ފައިނަލުގައި ބައްދަލު ކުރާނީ އިންގްލެންޑާއި އެވެ.