މަސްތުވާތަކެތި

ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ ޕެސްޓާ ދެކޮޅަށް ސީސީޓީވީ ފުޓޭޖާއި އޭގެ އެނާލިސިސް ރިޕޯޓް ހުށަހަޅައިފަ އެވެ. އަދި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރިކަން ފާހަގަކުރައްވައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލު ވިދާޅުވީ ޕެސްޓްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އެބައޮތް ކަމަށެވެ.

ޕެސްޓަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ރަށްރަށަށް ސަޕްލައިކުރުމުގައި ހަަރަކާތްތެރިވާ މީހެއްކަމަށް ޕީޖީ ވަކީލު ވިދާޅުވެ އެވެ.

އެ ތުހުމަތުތަކަށް ޕެސްޓްގެ ވަކީލުން އިންކާރު ކުރި ނަމަވެސް އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ވާތީ ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

ޕެސްޓުގެ ގާނޫނީ ވަކީލުން މީގެ ކުރީގެ ޝަރީއަތުގައި ވަނީ އޭނާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތައް ދައްކާފަ އެވެ. ޕެސްޓުގެ މައްޗަށް މަސްތުވާތަކެތީގެ ފަސް ދައުވާއެއް އުފުލައިގެން އޭނާ ބަންދުކޮށްގެން ގެންގުޅުމަކީ އޭނާގެ އަބުރަށް ލިބޭ ހުތުރެއް ކަމަށް ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ބަންދަށް ގާޒީ ލުޔެއް ނުދެއްވި އެވެ. މީގެ ކުރިންވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ޕެސްޓްގެ އިތުރުން މައްސަލާގައި ދެން ދައުވާ ލިބޭ ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް އަދި ހަމަ އެ މައްސަލައިގައި ޝާމިލުވާ އަހުމަދު ހުސާމްގެ ބަންދަށް އިތުރު 30 ދުވަސް މިއަދު ވަނީ ޖަހައިފަ އެވެ.

ޕެސްޓުގެ މައްޗަށް ކުރާ ފަސް ދައުވާއަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.