އިސްލާމިކް މިނިސްޓްރީ

އުސޫލާ ހިލާފުވެ ހަތަރު މިސްކިތެއްގައި ހުކުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނިކޮށް ހަތަރު މިސްކިތެއްގައި މިއަދު ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކޮށްފި އެވެ.

ހުކުރު ކޮށްފައިވަނީ މާލޭގައި ތިން މިސްކިތަކާއި ހުޅުމާލޭގެ މިސްކިތެއްގައެވެ. އޭގެ ތެރޭގައި ހިމެނޭ މަސްޖިދު އަލް ފުރުގާންގައި މިދިޔަ ހަފްތާގައިވެސް ވަނީ ހުކުރުކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގެ ނަމާދު މެދުކަނޑާލާފައިވާއިރު އެ އުސޫލު މުގުރާލާ މިއަދު ހުކުރުގެ ޖަމާއަތް ހަދާފައިވާތީ އިސްލާމިކް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަވަސް އަށް ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމުން އެ އުސޫލާއި ހިލާފަށް އަމަލު ކުރުމަކީ މުޅި މުޖްތަމައުއަށް ދެވޭ ގެއްލުމެއް ކަމަށެވެ.

އެކަން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ފުލުހުން މެދުވެރިކޮށް އެކަން ހުއްޓުވަން މަސައްކަތް ނުކުރީ އިތުރު ގޯސްތަކަކަށް ފުރުސަތު ނުދިނުމަށް ކަމަށް ވިދާޅުވިއެވެ. އުސޫލުތަކާއި ހިލާފަށް ޖަމާއަތް ހަދައިގެން މިއަދު ހުކުރު ކުރިއިރު އެ ކަމުގައި ހުއްދަ ލިބިފައިވާ ބައެއް އިލްމުވެރިންވެސް ބައިވެރިވެފައިވެއެވެ.

"އެއީ އަޅުގަނޑުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ. މިފަދަ ކަންކަމުގައި އިލްމުވެރިން ބައިވެރިވުމަކީ ދައުވާއަށް ލިބޭ ގެއްލުމެއް،"

މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް މިސްކިތްތައް ހުޅުވާލާފައިވަނީ ޖަމާއަތް ނެތި ވަކިވަކިން ނަމާދު ކުރުމަށް ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ހިފަހައްޓައިފިނަމަ ޖަމާއަތުގައި ނަމާދު ފެށުމަަށް ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.