ދިމާވާ ހާދިސާތަކަށް ވަކިވަކިން ހައްލު ހޯދުމަށް އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި މައްސަލަތަކުގެ ހަގީގީ ސަބަބުތައް ދެނެގަނެ އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް މުޅި ދައުލަތް މަސައްކަތް ކުރަން ޖެހޭ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފި އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރައިލުމާ ގުޅިގެން އޮމްބަޑްސްޕާސަން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދައުލަތުން އިސްކަން ދީގެން ކުރުން ލާޒިމް ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.
އެގޮތުން ރާއްޖެއަކީ ކުޑަކުދިންނަށް އަމާން އަދި ރައްކާތެރިތަނަކަށް ހެދުމަށް ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކުން ގުޅިގެން ވިލަރެސްކުރެވޭ މަސައްކަތްތައް ހަރުދަނާކަމާއެކީ ކުރެވޭކަން ކަމާބެހޭ ވުޒާރާއިން ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކުދިންގެ ޖިސްމާނީ ނަފްސާނީ އަދި އިޖުތިމާއީ ރައްކާތެރިކަން ތަރައްގީކުރުމަށް ދުރު ރާސްތާއެއްގައި ސިޔާސަތުތައް ތަންފީޒުކުރެވޭކަން ދައުލަތުން ޔަގީންކުރަން ޖެހޭ ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ ބޭނުންވާ ކުދިންނަށް ހާއްސަ ސަމާލުކަމެއްދީ އިސްކަންދޭނެ ނިޒާމެއް ވެސް އޮންނަން ޖެހޭ ކަމަށެވެ.
ކުށުގެ ވެށީގައި އުޅޭ ކުދިން އެކަމުން ސަލާމަތްކުރުމަށް ސޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރެވޭކަން ދައުލަތުން ޔަގީންކުރަން ޖެހޭ ކަމަށް ވެސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ. އަދި ކުޑަކުދިންގެ މައުލޫމާތު ހާމަކުރުމުގައި އެކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ ގޮވައިލާފަ އެވެ.
އެ އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތައް ގެއްލޭފަދަ ކަންކަމުން އެކުދިން ރައްކާތެރިކުރުމަށް ނިޒާމީ ގޮތުން ބަދަލުގެންނަން ޖެހޭ ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއި ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޖަވާބުދާރީ ކުރަންޖެހޭ ފަރާތްތަކުން ޖަވާބުދާރީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.