ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާއެއްގެ ތެރޭގައި ބޮޑުކުރުމަށްޓަކައި އާއިލާއަކާ ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމެއް -- "ކޮންމެ ކުއްޖަކަށް އާއިލާއެއް"ގެ ނަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ފަށައިފި އެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ވެސް 164 ކުދިން އެބަތިބި ކަމަށެވެ. އަދި އެކުދިން އާއިލީ ވެއްޓެއްގެ ތެރެއިން ލޯތްބާއި ރައްކާތެރިކަމާއެކު ބޮޑުކުރުމުގެ މަސައްކަތް ކުރުމަކީ ކުޑަކުއްޖާގެ މުސްތަގުބަލު ބިނާކުރުމަށްޓަކައި އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހޭ ކަންތައް ކަމުގައި ވިދާޅުވި އެވެ.
މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލަރު އައިޝަތު އިފާދާ ވިދާޅުވީ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އެ ކުއްޖާގެ މައްސަލަތައް ހައްލުކުރުމަށްފަހު އަލުން އަނބުރާ އާއިލާގެ ތެރެއަށް ދޫކޮށްލުމުގެ މަގުސަދުގައި ކަމަށެވެ. ނަމަވެސް ކުއްޖާގެ އަސްލު އާއިލާގެ ހާލަތު ދިމާކުރާ ގޮތުން އަލުން އެކުއްޖާ އަނބުރާ އާއިލާއަށް ހަވާލުނުކުރެވޭ ހާލަތްތަކުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ދިގު މުއްދަތަކަށް ބަހައްޓަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އިފާދާ ވިދާޅުވީ "ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޕްރޮގްރާމުގެ މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ގޮތުން އެކުއްޖާގެ ބެލެނިވެރިކަން ހަވާލުކުރުން ކަމަށެވެ. ވަގުތީގޮތުން ކުއްޖާ ބެލުމާ ހަވާލުވާނަމަ ހަވާލުވާނީ ދެ އަހަރަށް ކަމުގައި ވިދާޅުވި އެވެ. އަދި
"ވަގުތީ މުއްދަތުގައި މިނިސްޓްރީން ކުއްޖާގެ އުފަން އާއިލާއަށް އަނބުރާ ކުއްޖާ ދެވޭނެ މަގެއް ފަހިވޭތޯ މަސައްކަތް ކުރުމަށްފަހު އެ ފުރުސަތު ނެތްނަމަ ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭ ގޮތް ހަދާނެ،" އިފާދާ ވިދާޅުވި އެވެ.
އާއިލާތަކާ ކުދިން ހަވާލުކުރާއިރު ގެންގުޅޭ އުސޫލުތައް
- ޝަރުއީ ކޯޓުން ހުކުމެއް އިއްވައިގެން ކުއްޖާ އާއިލާއާ ހަވާލުކުރުން
- އާއިލާއަށް ހަވާލުކުރުމަށްފަހުވެސް ކުއްޖާގެ ކަންކަން މިނިސްޓްރީން ގަވައިދުން ބަލާނެ
- ކުއްޖާ އުފަން އާއިލާއާއި ބައްދަލުކުރެވޭނެ ގޮތްތައް ކަނޑައެޅުން
- އުފަން އާއިލާއަށް ބައްދަލުކުރުމުގެ ފުރުސަތު ދޭއިރު އެ ފުރުސަތުގެ ބޭރުން ބައްދަލުކުރާނަމަ ފިޔަވަޅު އެޅުން
- އުފަން އާއިލާއިން އަނބުރާ އެކުއްޖާ ބޭނުންވާކަން ޝަރުއީ ކޯޓަށް މައްސަަލަ ހުށަހަޅައި އެއީ ރަނގަޅު ގޮތްކަން ސާބިތުކޮށްދިނުން
- ކުއްޖާ އާއިލާ އާއި ހަވާލުކުރާއިރު ކުއްޖާގެ މަސްލަހަތަށް ކޯޓުން އިސްކަންދިނުން
ނަމްޒާ އިތުރަށް ވިދާޅުވީ ކޮންމެ ކުއްޖަކަށް އާއިލާއެއްގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތަކެއް މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ފަށާނެ ކަމަށެވެ.