ފެމިލީ ކޯޓް

ފަށްކަނޑަން އިން ދެމީހަކު ޖޫރިމަނާކޮށްފި

ފަށްކަނޑަން ކައިވެނި ކުރި ދެ މީހަކު 5،000 ރުފިޔާ އިން ފެމެލީ ކޯޓުން ޖޫރިމަނާކޮށްފި އެވެ.

ވަރި ސާބިތުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަައެއްގައި ހިމެނޭ ދެ ފަރާތް، ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައި ކޯޓުން ވަނީ ކޮންމެ ފަރާތެއް 5000 ރުފިޔާއިން ޖުރިމަނާ ކޮށްފަ އެވެ.

އާއިލާއާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުން، ތިންފަށްވެފައި އިން އަންހެނަކު ފަށް ކެނޑުމުގެ ގަސްތުގައި މީހަކާ އިނުމާއި މީހަކު ބުނެގެން ނުވަތަ އަގެއް ނުވަތަ ހަދިޔާއެއް ދީގެން ނަމަވެސް އެއްވެސް މީހަކު ފަށްކެނޑުމަށްޓަކައި މީހަކާ އިނުމަކީ ކުށެކެވެ.

ފެމެލީ ކޯޓުން ބުނި ގޮތުގައި އެ މީހުންގެ މައްޗަށް އަދަބު ކަނޑައެޅީ ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދުރާލައި ދެ ފަރާތުން ކައިވެނިކޮށްފައިވާކަން އެނގޭތީ އެވެ.

އެ ކުށުގެ އަދަބަކީ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަމަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ މައްސަލާގައި ކޯޓުން ނިންމީ ދެ މީހުން ވެސް 5،000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

މިފަދަ މައްސަލަތަކުގައި މީގެކުރިން ވެސް ފެމިލީ ކޯޓުން އަދަބު ކަނޑައަޅާފައިވެ އެވެ.