މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

"ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު" އާންމުކޮށްފި

ކުރު މުއްދަތަށް އަދި ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިން ގެންގުޅުމުގައި އަމަލުކުރަންޖެހޭ "ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު" އެކުލަވައިލައި އާންމުކޮށްފި އެވެ.

މި ގަވާއިދުގެ މަގުސަދަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުދިން ބޭތިއްބުމަށް ދައުލަތުން ޖެންޑާ މިނިސްޓްރީގައި ގާއިމުކުރަން ޖެހޭ ރެޒިޑެންޝަލް މަރުކަޒުތައް އުފައްދައި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

މިގަވައިދުގައި ވަނީ ކުޑަކުދިން ބޭތިއްބުމަށްޓަކައި ރެޒިޑެންޝަލް މަރުކަޒުތައް ގާއިމުކޮށް ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގުމަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި މަރުކަޒުތަކުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެ މަރުކަޒުތަކުގައި ކުދިން ބޭތިއްބުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްލާހީ ޕްރޮގްރާމްތަކާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ހާއްސަ މަރުކަޒުތައް އުފެއްދޭނެ ހާލަތްތަކާއި، އެފަދަ މަރުކަޒުތަކާއިބެހޭ އުސޫލުތަކާއި ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭންޖެހޭ ކުޑަކުދިން މަރުކަޒުތަކުގައި ތިބޭއިރު އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ހަރުދަނާ ނިޒާމެއް އެކުލަވައިލުމާއި، އެ މަރުކަޒުތަކުން އެ ކުދިންނަށް ލިބެންޖެހޭނެ ހިދުމަތްތައް ވެސް ގަވައިދުގައިވެ އެވެ.

މަރުކަޒުތަކުގައި ތިބޭ ކުދިންނަށްއެ ކުދިންގެ އުމުރާއި، ޖިންސާއި، އިޖުތިމާއީ ގޮތުން ބިނާކުރަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަނިވި އިޖުތިމާއީ، ތައުލީީމ، ނަފްސާނީ، ސިއްހީ އަދި ޖިސްމާނީ ގޮތުން މުހިއްމު އަޅައިލުމާއި ރައްކާތެރިކަން މަރުކަޒުތަކުގެ މާހައުލުގެ ތެރެއިން ފޯރޮކޮށްދެވޭކަން ކަށަވަރުކުރަންވެސް ގަވައިދުގައި ގޮތްތަކެއް ނިންމާފައިވެ އެވެ.

ކުއްޖާއަށް ރިހެބިލިޓޭޓްވެ ފަރުވާ ލިބިދިނުމާއެކު، ކުއްޖާ ހެޔޮގޮތުގައި މުޖުތައަށް އަނބުރާ އައިސް މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހި ކުރެވޭފަދަ ޕްރޮގްރާމްތައް މަރުކަޒުތަކުގައި ހިންގުމާއި ގުޅޭ އުސޫލު ވެސް ގަވައިދުގައިވެ އެވެ. އަދި ކުއްޖާގެ އުމުރާއި، ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާއި، އެކަށީގެންވާ ދީނީ ތައުލީމާއި، އިތުރު ތައުލީމާއި، ތަމްރީނާއި، ހުނަރުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މަރުކަޒުތައް އިންސްޕެކްޓްކުރާ ކޮމިޓީ އެކުލަވައިލުމާ ގުޅޭ ކަންކަން ބަޔާންކުރުމާއި، އިންސްޕެކްޓްކުރުމާ ގުޅޭ އިޖުރާއަތު ކަނޑައެޅުންވެސް ގަވައިދުގައިވެ އެވެ.

ކުރު މުއްދަތަކަށް އަދި ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުދިން މިހާރުވެސް ބަލަމުން ގެންދަނީ އެއްތަނެއްގަ އެވެ.