ޖެންޑާ މިނިސްޓްރީއަށް ޑިސެމްބަރު މަހު ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 109 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ގިނައީ ގެވެށި އަނިޔާގެ އަމަލެއް ކުރާ ތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 30 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ކުޑަކުދިންނަށް އިހުމާލުވުމުގެ 29 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 19 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކޮށްގެން 12 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
އެހެން ކުދިންގެ ފަރާތުން ބުލީވުމުގެ އެއް މައްސަލައިގެ އިތުރުން ބްލެކްމެއިލް ކުރުމުގެ އެއް މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ބުލީކުރުމުގެ އެއް މައްސަލަ ވެސް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން ތަފާސްހިސާބުން ދައްކާ ގޮތުގައި މީހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 54 މައްސަލައެއް ޑިސެމްބަރު މަހު ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. މީގެތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 26 މައްސަލަ ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީއަށް ޑިސެމްބަރުގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ ވެސް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 20 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަބަދުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.