ޔުއެއާފާ ޔޫރޯ 2020

ނެދަލެންޑްސްއަށް ޑިބުއާގެ އުންމީދު ފުރިހަމަ ކޮށްދެވޭނެތަ؟

ޔޫރޯ 2020 ގެ ގަދަ 16 ގައި މިރޭ ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލު ކުރާ މެޗަށް ނެދަލެންޑްސް އިން ނުކުންނާނީ ޗެކް ބަލިކޮށް މުބާރާތުގެ ފުރަތަމަ ހަތަރު މެޗު ކާމިޔާބު ކުރާށެވެ.

މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގެ ފުރަތަމަ ހަތަރު މެޗުން ނެދަލެންޑްސް އަށް މޮޅު ވެވިފައި ވަނީ 2000 ވަނަ އަހަރު އެކަންޏެވެ. މިހާރު ނެދަލެންޑްސްގެ މެނޭޖަރު ފްރެންކް ޑިބުއާއަކީ އޭރުގެ ނެދަލެންޑްސް ކުޅުންތެރިއެކެވެ. ނެދަލެންޑްސްގެ ދަނޑުގައި ކުޅުނު މި މެޗުތަކުން މޮޅުވި އިރު އޭނާ ވަނީ އެ ހަތަރު މެޗުގެ ހުރިހާ ވަގުތެއްގައި ކުޅެ ޓީމަށް މުހިންމު ދައުރެއް އަދާ ކޮށްދީފަ އެވެ. އެހެން ކަމުން މި ލިބުނު ފުރުސަތުގައި މާޒީ އަނބުރާ ގެނައުމަށް އޭނާ މަރު ދޭނެ އެވެ. ސުވާލަކީ އޭނާގެ މި އުންމީދު ނެދަލެންޑްސް ޓީމަށް ފުރިހަމަ ކޮށްދެވޭނެތޯ އެވެ.

އޮއިވަރު އޮތްގޮތް

މިރޭގެ މެޗަކީ މި ދެޓީމު ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގައި ބައްދަލު ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ދެ މެޗުގެ ތެރެއިން ކޮންމެ ޓީމެއް ވެސް ވަނީ އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން މި ދެޓީމު ޔޫރޯގައި ވާދަ ކުރީ 2004 ވަނަ އަހަރު އެވެ. ފޯރިގަދަ އެމެޗުން ޗެކް މޮޅުވީ ދެ ލަނޑުގެ ތަފާތަކުން ނެދަލެންޑްްސް ކުރީގައި އޮއްވާ ފަހަތުން އަރާ ޖެހި ތިން ގޯލުންނެވެ.

އަދި މިއީ 2015 ވަނަ އަހަރު މި ދެޓީމުގެ ކުރިމަތިލުމަށް ފަހު ދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗެވެ. ޔޫރޯ 2016 ގެ ކޮލިފައިންގައި ކުޅުނު އެ މެޗު ޗެކުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މާޒީގެ ސަފުހާތައް ހުޅުވާލާއިރު ނެދަލެންޑްސްއަށް މާ ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވިޔަސް މި މުބާރާތުގައި އެޓީމުން ވަނީ ރަނގަޅު ސްކޮޑަކާއެކު މޮޅު ކުޅުމެއް ދައްކާފަ އެވެ.

ނެދަލެންޑްސް އިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރީ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓާއި އެކުގަ އެވެ. ޗެކް ރިޕަބްލިކަށް ދެވަނަ ބުރުން ޖާގަ ލިބުނީ ހަމަ ކިރިޔާ އެވެ. ފުރަތަމަ މެޗުން މޮޅުވެ، ދެވަނަ މެޗުން އެއްވަރުކޮށް އަދި ފަހު މެޗުން ބަލި ވުމުން ޗެކް ވަނީ ގްރޫޕްގެ ތިން ވަނައަށް ވެއްޓިފަ އެވެ. އެމީހުން ދެވަނަ ބުރަށް ދަތުރު ކުރީ ތިން ވަނައިގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ނެދަލެންޑްސް

ޔޫރޯ 1988 ކާމިޔާބު ކުރުމަށްފަހު، ހަތް ނޮކައުޓް ސްޓޭޖެއްގައި ނެދަލެންޑްސް އިން ކުޅުނެވެ. ނަމަވެސް ގަދަ 16 ފަހަނަ އަޅައި ނެދަލެންޑްސްއަށް ދެވުނީ އެންމެ ދެ ފަހަރު އެވެ. އެއީ 2000 ވަނަ އަހަރު ކުއާޓާ ފައިނަލުގައި 6-1 އިން ޔުގޮސްލާވިއާ ބަލި ކުރުމާއި، 2004 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްވިޑެން ބަލި ކުރުމެވެ.

ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެގެން ގަދަ 16 އަށް ދަތުރު ކުރިއިރު ނެދަލެންޑްސް އިން ވަނީ އަށް ގޯލު ޖަހާފަ އެވެ. އެމީހުން ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. އަނެއް ކޮޅުން ޑެމްފްރިސް، ވައިން އަލަމް އަދި ޑިޕާއީގެ ފަރާތުން މި މުބާރާތުގައި ފެންނަ މޮޅު ކުޅުމަށް ބަލައި މިރޭގެ މެޗުގައި އެމީހުންގެ އެޓޭކިން ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ. މި ހުރިހާ ހިތްހަމަ ޖެހުމަކާއެކުވެސް ޗެކް ރިޕަބްލިކަކީ ބޮޑެތި މުބާރާތް ތަކުގައި ނެދަލެންޑްސް ރޮއްވާލާފައިވާ ޓީމެއްކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ނެދަލެންޑްސްގެ ކޯޗު ފްރެންކް ޑިބުއާ ބުނީ ބޭނުން ވަނީ ހަމަ އެކަނި މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން ނޫން ކަމަށެވެ. އަމާޒަކީ ފައިނަލުން މޮޅުވެ މުބާރާތުން މޮޅުވުން ކަމަށެވެ. އަދި މުބާރާތް ކާމިޔާބުވީ ކަމަށް ވާނީ އޭރުން ކަމަށެވެ. ޑިބުއާ ބުނީ އެކަމަކު މިހާރު އެމީހުންގެ ސަމާލުކަން ހުއްޓިފައި ވަނީ ޗެކްގެ ޓީމަށް އެކަނި ކަމަށާއި، އެޓީމު ކައިރިން މޮޅުވަން ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ޗެކް ރިޕަބްލިކް

ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުން ޗެކް ކެޓީ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދަތުރު ކޮށްފަ އެވެ. އެގޮތުން އެމީހުން ބަލިވީ 1996 ގެ ފައިނަލުގައި ޖަރުމަނު އަތުންނާއި، 2004 ވަނަ އަހަރު ސެމީ ފައިނަލުގައި ގްރީސް އަތުންނެވެ. އަދި 2012 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ޕޯޗުގަލް އަތުންނެވެ.

ތާރީހުގައި ނެދަލެންޑްސް އާއި ބައްދަލުކޮށް ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ޑިޕާއީ އާއި އޭނާގެ ބައިވެރިންގެ އެޓޭކިން ލައިނަށް މިރޭ ޗެކުން ވަރަށް ރަނގަޅަށް ފާރަވެރިވާން ޖެހޭނެ އެވެ. މިއީ މި ފަހުން ޗެކަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ މެޗަށް ވާއިރު، މި މެޗުގައި ކޮލެޓީ ރަނގަޅު މޮޅު ކުޅުމެއް ދެއްކުން އެމީހުންނަށް ވަރަށް މުހިންމެވެ. އަދި ވަކިން ހާއްސަކޮށް ޖެން ބޮރިލްގެ ބަދަލުގައި ކުޅެން ނިކުންނަ ޑިފެންޑަރަކީ ހަލުވި ޑިފެންޑަރަކަށް ވާން ޖެހޭނެ އެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޮސްލަވް ސިލްހަވީ ބުނީ ނެދަލެންޑްސް އިން ކުޅުނު މެޗުތައް އެނަލައިޒް ކުރި ކަމަށާއި އެޓީމުން 30 އެޓޭކް އުފައްދާފައިވަ ކަމަށެވެ. އެހެން ކަމުން މިރޭ އޭނާގެ ޓީމަށް އޮތީ ޒިންމާދާރުކަމާއެކު ޓީމެއްގެ ގޮތުގައި ރަނގަޅަށް ޑިފެންސް ކުރުން ކަމަށެވެ. އަދި ނެދަލެންޑްސް ޓީމުގައި ބިރުވެރީ އެމީހުންގެ ކުޅުމުގެ ވައްޓަފާޅި ނޫން ކަމަށާއި އެމީހުންގެ އެޓޭކިން ކަމަށެވެ. އެހެން ކަމުން މިރޭ ޗެކް ޓީމުން ރަނގަޅަށް ޑިފެންސް ކުރުމަށް ފަހު އިދިކޮޅުގެ ގޯލަށް ނުރައްކާ ކުރަން މޮޅު ކުޅުމެއް ނުކުޅެވިއްޖެ ނަމަ މޮޅު ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ނެދަލެންޑްސް އާއި ޗެކް ރިޕަބްލިކްގެ ކުރިމަތިލުންތައް

މިހާތަނަށް މި ދެޓީމު ވަނީ 11 މެޗެއްގައި ބައްދަލު ކޮސްފަ އެވެ. އޭގެ ތެރެއިން ނެދަލެންޑްސް މޮޅުވީ އެންމެ ތިން މެޗުންނެވެ. އަދި ތިން މެޗުން އެއްވަރު ވެފައި ވާއިރު، ޗެކް ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. އަދި ބޮޑެތި މުބާރާތްތަކުގެ މެޗުތަކަށް ބަލާނަމަ ގިނައިން މޮޅުވީވެސް ޗެކުންނެވެ. މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގައި ނެދަލެންޑްސް އަށް ކުރިހޯދުނީ އެންމެ ފަހަރަކު އެވެ. އެއީ 2000 ވަނަ އަހަރު ޖޫން މަހުގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާ އަކުންނެވެ. ފީފާ ވޯލްޑް ކަޕުގައި މި ދެޓީމު ބައްދަލު ކުރި ދެމެޗު ކަމިޔާބު ކުރީ ނެދަލެންޑްސް އިންނެވެ.