ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އޮސްޓްރިއާ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ ސޯޅަ އިން ފުރުސަތު ހޯދާ ތާރީހުން ޖާގަ ހޯދައިފި އެވެ.
ނޭޝަނަލް އެރީނާގައި މިރޭ ކުޅުނު ގްރޫޕް ސީގެ ފަހު މެޗުން މޮޅުވެ އޮސްޓްރިއާ ވަނީ ގްރޫޕްގެ ދެވަނަ މަގާމު ޔަގީން ކޮށްފައެވެ. މިރޭގެ މެޗަށް ނިކުތް އިރު އޮސްޓްރިއާ އޮތީ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ޔޫކްރެއިން އެވެ.
މި މެޗުގައި އޮސްޓްރިއާ ޔޫކްރެއިން ބަލި ކޮށްފައި ވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ލަނޑު އޮސްޓްރިއާ އަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިފް ބާމްގޭޓްނާ އެވެ. މި ގޯލަކީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލާބާ ނަގައިދިން ކޯނަރަކުން ޖަހާފާއިވާ ގޯލެކެވެ. މީގެ އިތުރުންވެސް ކޯނަރު ތަކުގައި އޮސްޓްރިއާ އިން ވަނީ ޔޫކްރެއިންގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ޔޫކްރެއިން އަށް ފަހަތުން އަރާ އެއްވަރު ކުރަންވެސް ފުރުސަތު ލިބުނެވެ. ޕެނަލްޓީ އޭރިއާގެ އަރިމަތިން ވަދެ މައިކޯލާ ޝަޕަރެންކޯ ވަނީ ބާރު ވަޒަނެއްހެން ގޯލަށް ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް އޮސްޓްރިއާގެ ކީޕަރު ބަޗްމަން ހުރީ ބޯޅައަށް ވަރަށް ބޮޑަށް ހުށިޔާރު ވެގެންނެވެ. އޭނާ ވަނީ އެ ބޯޅަ ދިފާއުކޮށް އޮސްޓްރިއާއަށް ލީޑު ދަމަހައްޓައިދީފަ އެވެ.
އޭގެ ފަހަށްވެސް އޮސްޓްރިއާގެ އާނޯޓޮވިޗަށް ވަރަށް ހުސް ދެ ފުރުސަތު ލިބުނެވެ.
މެޗު ކޮންޓްރޯލުކޮށް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އޮސްޓްރިއާ އިންނެވެ. ޔޫކްރެއިންގެ ވިސްނުން ހުރީ ކައުންޓާ އެޓޭކް ކުރުމަށެވެ.
މިއީ މި ދެ ޓީމު ބައްދަލު ކުރި ތިންވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ދެ މެޗުން ކޮންމެ ޓީމެއްވެސް އެއް ފަހަރު މޮޅުވެފައިވެއެވެ. މިރޭގެ މޮޅާއެކު އޮސްޓްރިއާ ވަނީ ތާރީހުގައި އެމީހުންގެ ނަން ރީތި ކޮށްފަ އެވެ.
މިރޭގެ ނަތީޖާ އާއި އެކު އޮސްޓްރިއާ ދެވަނައިގައި އޮތީ ހަ ޕޮއިންޓާއި އެކު އެވެ. ޔޫކްރެއިން އަށް ތިން ވަނަ ލިބެނީ ތިން ޕޮއިންޓާއި އެކު އެވެ. ހުރިހާ މެޗަކުން ބަލިވެ މެސެޑޯނިއާ މުބާރާތާއި ވަކިވެފައި ވާއިރު ހުރިހާ މެޗަކުން މޮޅުވެ ނެދަލެންޑްސް އޮތީ ގްރޫޕްގެ އެއްވަނައިގަ އެވެ.
ގްރޫޕްގެ ތިން ވަނައިގައި އޮތް ނަމަވެސް ޔޫކްރެއިން އަށް ދެވަނަ ބުރު އަދި ނުގެއްލެ އެވެ. ހުރިހާ ގްރޫޕެއްގެ ތިން ވަނައިގައި އޮންނަ ޓީމު ތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ޔޫކްރެއިންވެސް އަށް އެބައޮތެވެ. މިހާރު އެ ޓީމަށް އޮތީ ގްރޫޕް ސްޓޭޖުގެ މެޗުޔައް ނިމެންދެން ދެވަނަ ބުރުގެ ފުރުސަތަކަށް އުންމީދުގައި މަޑު ކުރުމެވެ.