ކުޅިވަރު

ބެލްޖިއަމާއި ޑެންމާކަށް ވަރުގަދަ ރެއެއް

ޔޫރޯ 2020 އިގެ ގްރޫޕް ބީ ގައި މިރޭ ބެލްޖިއަމް އާއި ޑެންމާކް ބައްދަލު ކުރާ މެޗަކީ މުބާރާތުގެ ދެވަނަ ބުރު ޔަގީން ކުރަން ބެލްޖިއަމްއަށް ވަރަށް މުހިންމު މެޗެކެވެ. އަނެއް ކޮޅުން މުބާރާތުގައި އިތުރަށް ކުރިއަށް ދާން މި މެޗުން މޮޅުވާން ޑެންމާކަށް ވެސް މަޖުބޫރެވެ.

ގުރޫޕުގެ ބާކީ ދެ ޓީމު ދެ މެޗު ކުޅެފައި ވާއިރު، އެއިން ކޮންމެ ޓީމަކަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެެވެ. ނަމަވެސް ފައިދާ ތިން ގޯލާއެކު އަދިވެސް ގްރޫޕުގެ އެއް ވަނައިގައި އޮތީ ސްޓާރުންގެ ބެލްޖިއަމެވެ. މިރޭގެ މެޗު ބެލްޖިއަމް ކާމިޔާބު ކޮށްފި ނަމަ މުބާރާތުގެ ދެވަނަ ބުރަށް ދާން އޮތް ފުރުސަތު އެ ޓީމަށް ވަރަށް ބޮޑުވާނެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރަޝިޔާ އާއި ބައްދަލުކޮށް، ބެލްޖިއަމް ވަނީ 3-0 އްގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ މެޗުގައި ފިންލެންޑާއި ވާދަކޮށް ޑެންމާކަށް ވަނީ 1-0 އިން ބަލިވެފަ އެވެ. އަދި މުޅި އެ ދުވަސް ވީ ޑެންމާކަށް ހިތާމައާއި ހިތްދަތިކަން ލިބުނު ދުވަހަކަށްވި އެވެ.

އެ މެޗުގައި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓަކާއި ކުރިމަތި ލާން ޖެހުމުން މުޅި ޓީމަށް ވަނީ އޭގެ ނޭދެވޭ އަސަރު ކޮށްފަ އެވެ. ޓީމުގެ އެންމެ ރަނގަޅު އެއް ކުޅުންތެރިޔާއަށް ދިމާވި ސިއްހީ މައްސަލައިގެ ސަބަބުން ޓީމުގެ ދެން ތިބި ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ނަފްސާނީ ގޮތުން ކޮށްފައިވެ އެވެ. އެހެން ކަމުން މެޗު އަލުން ފަށައިގެން އެ ޓީމަށް ވަނީ އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ.

ދެ ޓީމަށް ވެސް މި މެޗަކީ މުހިންމު މެޗަކަށް ވާއިރު، މި މެޗު އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެ ކަމަށް ތާރިހުން ހެކި ދެއެވެ. މިހާތަނަށް ބައިނަލްއަގްވާމީ 15 މެޗެއްގައި މި ދެ ޓީމު ވާދަ ކޮށްފައި ވާއިރު ދެ ޓީމު ވެސް ވަނީ ހަ މެޗުން މޮޅު ވެފަ އެވެ. އަދި ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. އެހެން ކަަމުން ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅޭ މި މެޗަކީ އެއްވެސް ޓީމަކަށް ފަސޭހެ ކޮށްލެވެން ނެތް މެޗެކެވެ.

ގްރޫޕު ބީގެ އެއްވަނައިގައި ބެލްޖިއަމް އޮތް އިރު ދެވަނައިގައި އޮތީ ރަޝިޔާ އެވެ. ފިންލެންޑަށް ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް އެ ޓީމު ތިން ވަނައިގައި އޮތީ ބައިކޮޅަށް ވަދެފައިވާ ގޯލު ގިނަ ވުމުންނެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވެ ޑެންމާކު އޮތީ ގްރޫޕުގެ އެންމެ ފުލުގަ އެވެ.