ކުޅިވަރު

ނެދަލެންޑްސް ދެވަނަ ބުރު ޔަގީން ކޮށްފި

ގްރޫޕު ސީގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ ނެދަލެންޑްސް ޔޫރޯ 2020 އިގެ ދެވަނަ ބުރު ޔަގީން ކޮށްފި އެވެ.

ނެދަލެންޑްސްގެ އެމްސްޓާޑަމް ސްޓޭޑިއަމް ގައި މިރޭ އޮސްޓްރިއާ އާއި ބައްދަލު ކުރި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފެށިގެން މާ ގިނަ އިރެއް ނުވެ ނެދަލެންޑްސްގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ފޯވާޑު މެމްފިސް ޑިޕޭ އެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައި ވަނީ މިޑްފިލްޑާ ޑެންޒެލް ޑަމްފްރައިސް އެވެ.

މީގެ އިތުރުން ވެސް މި މެޗުގައި ގޯލު ޖެހުމަށް ނެދަލެންޑްސް އަށް ވަނީ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. ދެވަނަ ހާފުގައި ޑިލައިޓަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވި އެވެ.

ފޯރި ގަދަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ބޯޅަ ހިފަައްޓައިގެން ރަނގަޅު ހަމަލާ ތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ. މެޗު ކާމިޔާބު ކުރި ނެދަލެންޑްސް އިން ވަނީ އޮސްޓްރިއާގެ ގޯލަށް 14 ހަމަލާ ފޮނުވާލާފަ އެވެ.

ގްރޫޕުގެ އެއް ވަނަ ހޯދުމަށް ދެ ޓީމުން ވެސް ކުޅުނު މި މެޗުގައި އިދިކޮޅު ޓީމު ހުއްޓުވުމަށް ދެ ޓީމުން ވެސް ވަނީ ގިނަ ފައުލު ތަކެއް ކޮށްފަ އެވެ. އެގޮތުން ނެދަލެންޑްސްގެ އެއް ކުޅުންތެރިއަކަށް އަދި އޮސްޓްރިއާގެ ދެ ކުޅުންތެރިންނަށް މި މެޗުގައި ރީންދޫ ކާޑު ދައްކާފައިވެ އެވެ.

މިއާއި އެކު ނެދަލެންޑްސް ގަދަ 16 އިން ޖާގަ ކަށަވަރު ކޮށްފައި ވަނީ ހަ ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނައިގަ އެވެ. ޔުކްރެއިން އަދި އޮސްޓްރިއާ އަށްވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ޔުކްރެއިނަށް ދެވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތީ އޮސްޓްރިއާ އެވެ. ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތީ ނޯތު މެސެޑޯނިއާ އެވެ.