ކުޅިވަރު

މެސެޑޯނާ ބަލިކޮށް ޔުކްރެއިން އިން ދެވަނަ ބުރަށް ދިއުމަށް ހިތްވަރެއް

ޔޫރޯ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި މެސެޑޯނިއާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ޔުކްރެއިނުން އާކޮށްފި އެވެ.

މި މެޗު ޔުކްރެއިން އިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.

ރޮމޭނިއާގެ ނެޝަނަލް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޔުކްރެއިން އިން ވަނީ ދެ ގޯލު ޖަހާފަ އެވެ. އެއީ ކޯނަރަކުން ލިބުނު ބޯޅައަކުން އަންޑްރީ ޔަމަލެންކޯ ޖެހި ގޯލަކާއި، މެޗުގެ 34 ވަނަ މިނެޓުގައި ރޮމަން ޔަރެމްޗަކް ޖެހި ގޯލެކެވެ.

މި މެޗުގެ 39 ވަނަ މިނެޓުގައި މެސެޑޮނާއިން ވެސް ގޯލެއް ޖެހި އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.


ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮޮޮށް، މެސެޑޯނާއިން ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ގޯލެއް ޖަހާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު އަލިއޮސްކީ އެވެ.

މިރޭގެ މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވެސް ޔުކްރެއިނުންނެވެ. އެގޮތުން މެސެޑޮނިއާގެ ގޯލަށް ޔުކްރެއިން އިން ވަނީ 17 ހަމަލާ ފޮނުވާލާފަ އެވެ.

ފޯރިގަދަ މި މެޗުގައި ދެ ޓީމުންވެސް ނުވަ ފައުލު ކޮށްފައި ވާއިރު، ތިން ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ.

މިރޭގެ މެޗުން މޮޅުވުމާ ގުޅިގެން މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް ޔުކްރެއިން އަށް އަދިވެސް އެބައޮތެވެ. އެއީ މިރޭ ނެދަލެންޑްސް އާއި އޮސްޓްރިއާ ބައްދަލު ކުރާ މެޗުން ނެދަލެންޑްސް މޮޅުވުން ނުވަތަ އެއްވަރު ވެފައި، އޮސްޓްރިއާ މެޗުން ޔުކްރެއިން މޮޅުވުމެވެ. މި ތިން ޓީމަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު އޮސްޓްރިއާ ދެވަނައިގައި އޮތީ ގޯލުގެ ތަފާތުން ޔުކްރެއިނަށް ވުރެ ކުރި ހޯދައިގެންނެވެ. މި މެޗާއެކު މެސެޑޮނިއާ އަށް ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިފަ އެވެ.