ގްރޫޕް ސީ ގައި މިރޭ ނެދަލެންޑްސް އާއި ބައްދަލު ކުރި މެޗުން ބަލިވެ، މެސެޑޯނިއާ ބަލިވެ ޔޫރޯ 2020 އަށް އަލްވަދާއު ކިޔައިފި އެވެ.
ޔޯހަން ކްރައިފް އެރީނާގައި މިރޭ ކުޅުނު މި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ނެދަލެންޑްސް އިން މޮޅަށް ކުޅުނު އިރު، މެސެޑޯނާއަށް ނެދަލްނެޑްސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
މި މެޗުގައި މެސެޑޯނިއާ އިން ވަނީ ގޯލެއް ޖަަހާފަ އެވެ. ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ޓްރިޗްކޯވްސްކީ ޖެހި ގޯލު ރެފްރީ ނިންމާފައި ވަނީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ.
ބޮޑެތި ގިނަ މެޗުތައް ކުޅެފައިވާ ނެދަލެންޑްސް ވަނީ އެއިން ރަނގަޅު ފިލާވަޅެއް ލިބިގަނެ ކުޅުން ރަނގަޅު ކޮށްފަ އެވެ. ތަޖުރިބާ އައި ހުނަރު އޮތް ބޮޑު ޓީމަކަށް ވުމުން އެމީހުންނަށް އެކަން މާ އުންދަގޫ ކަމަކަށް ނުވި އެވެ.
އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ގޯލެއް ޖަހައި ބާސެލެނޯއަށް މީގެ ދެދުވަސް ކުރިން ސޮއި ކުރި މެމްފިސް ޑިޕޭ ވަނީ ނެދަލެންޑްސް އަށް ލީޑު ހޯދައިދީފަ އެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ކައުންޓާ އެޓޭކެއްގައި ޑޮންޔެލް މާލެން ދިން ޕާހަކުން މެސެޑޯނިއާގެ އޭރިއާ ތެރޭގައި ހުރެފަ އެވެ.
ފުރަތަމަ ހާފު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހި އެވެ. ލީޑު އިތުރަށް ފުޅާ ކުރަން ޑަމްފްރީސް އަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ ގޮތެއް ނުވި އެވެ. ޑަމްފްރީސްގެ ހަމަލާ މެސެޑޯނިއަގެ ކީޕަރު އަތުން ޖައްސާ ގޯލު ކުރިމައްޗަށް ފޮނުވާލުމުން ޑިޕޭ ވަނީ އަނެއްކާވެސް ގޯލާއި އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. މިފަހަރު ހުރަސް އެޅީ މެސެޑޯނިއާގެ ޑިފެންޑަރެކެވެ.
ދެވަނަ ހާފުގައި ނެދަލެންޑްސް އިން ދެ ގޯލު ޖަހައި ލީޑު އިތުރަށް ފުޅާ ކުރި އެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ކެޕްޓަން ވައިނާލްޑަމް އެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ވައިނާލްޑަމްގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޑިޕޭ ދިން ޕާހަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފަ އެވެ. ދެވަނަ ގޯލު ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޑިޕޭ އެވެ. މުބާރާތުގައި ވައިނާލްޑަމްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ ޑިޕޭ ޖެހި ބޯޅައެއް ރިބައުންސް ވުމުން އެ ފުރުސަތުގެ ބޭނުން ހިފައިގެނެވެ.
މި މެޗާއެކު މެސެޑޯނިއާއިން ޔޫރޯ 2020 އަށް "ޓާޓާ" ކިޔާފައި ވާއިރު މެސެޑޯނިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ގޯރަން ޕަންޑޭވް ވަނީ ގައުމީ ޓީމަށް އަލްވަދާއު ކިޔާ އެވެ. މެޗުގެ ފަހު ހާފުގައި އޭނާ ބާލާފައި ވާއިރު، އޭނާ ވަނީ ރިޓަޔާ ކޮށްފަ އެވެ. މެސެޑޯނިއާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ރީތި ނަމޫނާ އެކެވެ. އެގޮތުން މި މެޗަށް ފަހު ގޯރަން އަށް ޓީމު ކުޅުންތެރިންގެ ފަރާތުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފަ އެވެ.
މެޗަކުން މޮޅު ނުވެ ގްރޫޕްގެ ފުލުގައި މެސެޑޯނިއާ މުބާރާތް ނިންމާލި އިރު، ނެދަލެންޑްސް ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕުގެ އެއް ވަނައިގައި ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މިރޭ އެ ގްރޫޕުގައި ދެން ކުޅުނު މެޗުން މޮޅުވެ އޮސްޓްރިއާ ވަނީ ދެ ވަނައަށް އަރާފަ އެވެ. ޔުކްރެއިން އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.