ހަބަރު

މާލޭގެ 10 ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގްތަކެއް އަޅަނީ

އަންނަ އަހަރު މާލޭގެ 10 ސަރަހައްދެއްގައި މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގްތަކެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު އަހުމަދު ހަބީބު ވިދާޅުވީ މާލޭގައި މަގުތަށް ތޮއްޖެހުމާއި ދުއްވާ އުޅަނދުތަކަށް ފަސޭހައިން ދުއްވޭނެ ނިޒާމް ގާއިމް ކުރުމުގެ ގޮތުން ރޭވިފައިވާ ބައެއް ކަންތައްތަކުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުގައި މަލްޓީ ސްޓޯރީ ޕާކިން ބިލްޑިންގްތަކެއް ގާއިމް ކުރަން ނިންމާވައިފާ ކަމަށެވެ.

މާލެއިން ލިބިފައިވާ ބިން ދޫކޮށް "ވެށިފަހި" ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފްލެޓްތަކަށް ބަދަލުވި ބައެއް ގޯތިތަކުގައި ޕާކިން ބިލްޑިންގްތަކެއް އަޅާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި ގިނައިން މީހުން ގޮސް އުޅޭ ވެލާނާގެ ކައިރީގަ އާއި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަދި ފެރީ ޓާމިނަލް ހިމެނޭ ސަރަަހައްދުތަކުގައި ޕާކިން ބިލްޑިންގް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް ރާވައިފާ ވަނީ އަންނަ އަހަރު އެންމެ މަދުވެގެން 10 މަލްޓި ސްޓޯރީ ޕާކިން ބިލްޑިންގް މާލޭގެ އެކި ހިސާބުތަކުގައި ގާއިމް ކުރުމަށް. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް 10 ހިމިނާފައިވާނީ. އެހެން ނަމަވެސް މިކަން ކާމިޔާބުކަމާ އެކީ ކުރިޔަށް ގެންދެވިއްޖެ ނަމަ މީގެ އިތުރަށްވެސް މިފަދަ ތަންތަން އަޅާނެ ކަމަށް އުންމީދު ކުރަނީ،"ހަބީބު ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ ގޮތުގައި އަންނަ އަހަރު އެޅުމަށް ހަމަޖެހިފައިވާ 10 ޕާކިން ޒޯނަކީ ހަމަ އެކަނީ މަލްޓި ސްޓޯރީ ޕާކިން ޒޯންތަކެއް ކަމަށާއި އެހެން ނަމަވެސް އެ 10 ތަނުގެ އިތުރުން އެހެނިހެން ޕާކިން އޭރިއާ ތަކެއްވެސް އެކި ހިސާބުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަލްޓި ސްޓޯރީ ޕާކިން ޒޯންތައް އަޅާނެ ހިސާބުތަށް ފައިނަލް ނުކުރާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން މީގެ ކުރިން ބުނެފައި ވަނީ ވެށިފެހި ޕްރޮގްރާމްގެ ދަށުން މާލެއިން 507 ބިމެއް ހުސްވެފައިވާ ކަމަށާއި އަދި އެތަންތަނުގައި ޕާކިން ޒޯންތަކާއި ގްރީން ޕާކްގެ އިތުރުން އެބިން ގަތުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ.