ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިދިޔަ ނޮވެމްބަރު 21 ވަނަ ދުވަހު ހައިކޯޓަށް މިމައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު އެވެ.
ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ އިއްޔެ ނިންމެވި ނިންމެވުމުގައި ބުނެފައިވަނީ ތިނަދޫއަށް ގަރާރެއްގެ ދަރަޖަ ދިނުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ ގާނޫނަކުން ބާރުލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަން ރާގިބް ހުށަހެޅުއްވި މައްސަލައިގައި ބުނެދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ ހައިކޯޓަށް ދުސްތޫރީ މައްސަލަތައް ބެލުމަށް އޮންނަ އިހްތިސާސްގެ ތެރޭގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ރަޖިސްޓްރާ ނިންމަވާފައިވެ އެވެ.
ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހެޅޭ އެވެ.
ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާގިބް ހުށަހަޅާފައިވާ މައްސަލައިގައި ތުހުމަތު ކުރައްވާފައިވާ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލުން ސިޓީއެއްގެ ދަރަޖަ ހޯދީ އެ ރަށުގެ އާބާދީ އޮޅުވާލައިގެން އަދި ހަގީގަތެއް ނެތް ލިޔުންތަކެއް ހުށަހަޅައިގެންނެވެ.
ރާގިބް މިމައްސަލަ ކޯޓަށް ހުށަހެޅިއިރު ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާ މަގާމުން ވަކިކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކުރިން ކަނޑައަޅާފައިވެސް ވެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާ އެ މައްސަލަ ބަލައިދިނުމަށް އެ ސިޓީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ މަޖިލީހާއި އެލްޖީއޭ އަށް ވެސް މައްސަލައެއް ހުށަހަޅުއްވާފަ އެވެ.