ދުނިޔެ

ޗައިނާގައި ބިޔަ ހައިޑްރޮޕަވާ ޕްލާންޓެއް ހިިންގަން ފަށައިފި

ޗައިނާގެ ބައިހޫޓަން ހައިޑްރޮޕަވާ ސްޓޭޝަނުން ކަރަންޓް އުފައްދަން ފަށައިފި އެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ހައިޑްރޮޕަވާ ޕްލާންޓް ޓެސްޓް ބުރުތަކަށް ފަހު ރަސްމީކޮށް ހިންގަން ފަށާފައިވާ ކަމަށް ޗައިނީޒް ޑެއިލީ ގްލޯބަލް ޓައިމްސްއިން ވެސް ބުނެފައި ވެއެވެ.

މި ޕްލާންޓުގައި ހިމެނޭ 16 ޖެނަރޭޓަރުގެ ތެރެއިން ދެ ޖެނަރޭޓަރުން ފުރިހަމަ ދުވެލީގައި ހިންގަމުން ގެންދާއިރު ޗައިނާގެ މީޑިއާއިން ބުނަނީ އަމާޒަކީ އެއް މިލިއަން ކިލޯވޮޓް އުފެއްދުން ކަމަށެވެ.

ބައިހޫޓަން ސްޓޭޝަނާ މެދު ޗައިނާއިން ވަރަށް ފަހުރު ވެރިވެ އެވެ. މި ޕްލާންޓް ގާއިމު ކޮށްފައި ވަނީ ޖިންޝާ ކޯރުގައި ޗައިނާގެ ހުޅަނގު ދެކުނު ދެ ޕްރޮވިންސެއް ގުޅޭ ސަރަހައްދުގަ އެވެ.

ރަސްމީ އިދާރާތަކުން އަންދާޒާ ކުރަނީ ޕްލާންޓް މުޅިން ނިމި މަސައްކަތް ކުރަން ފެށުމުން އަހަރަކު 62 ބިލިއަން ކިލޯވޮޓް / ޕަވާ ހަކަތަ އުފައްދާނެ ކަމަށެވެ. ޗައިނާއިން އުންމީދުކުރަނީ 2022 ނިމުމުގެ ކުރިން މިޕްރޮޖެކްޓް މުޅިން ނިންމައި ޚިދުމަތްދޭން ފެށުމަށެވެ.

ޗައިނާއިން ބައިހޫޓަން ހައިޑްރޮޕަވާ ޕްލާންޓްގެ މަސައްކަތް ފެށީ 2017 ގައެވެ. ޗައިނާއިން ބުނާ ގޮތުން ފެނުން ކަރަންޓް އުފައްދަން މިހާ ބޮޑު ޕްލާންޓެއް އެހެން ގައުމެއްގައި ނުހުންނާނެ އެވެ.

މި ޕްލާންޓް ބިނާ ކުރަން ކުރި މަސައްކަތްތަކާ ބެހޭ ގޮތުން އިންޖިނޭރުން ބުނަނީ ދުވަހަކު ވެސް ކޮށްފައިނުވާ ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި ދުނިޔޭގައި ވެސް ނެތް އިންޖިނޭރިން އުފައްދަން ޖެހުނު ކަމަށެވެ.

އިންޖިނޭރުން ބުނާ ގޮތުން ހައިޑްރޮ ޕްލާންޓް ބިނާ ކުރުމުގައި ބެލީ ކަމަކަށް ކަމެއް ކުރަން ނޫން ކަމަށާއި އެހިސާބުގެ ތިމާވެއްޓަށް އަތުވެދާނު ހުރިހާ ބަދަލަކާ މެދު ދުވަސްތަކެއް ވަންދެން ހޯދާބަލައި މުޅި މާހަލުގައި ހިމެނޭ ކެމިކަލްގެ ބާވަތްތައް ވެސް ތަހުލީލުކުރި ކަމަށެވެ.