އެލައިޑް އިންޝުއަރެންސް

އަލިފާނުގެ ހާދިސާތައް މަދެއްނޫން، ރައްކާތެރިވެ ތިބޭ

Jun 29, 2021

މި މަސް ފާހަަގަކުރެވެނީ އަލިފާނުގެ ހާދިސާތަކުން ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރު ތަކެއް ކުރުވި މަހެއްގެ ގޮތުގަ އެވެ. މި ފަދަ ހާލަތްތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން، ގެއްލުން ލިބޭ ފަރާތް ތަކަށް ދީލަތި އެހީ ފޯރުކޮށްދެ އެވެ. ނަމަވެސް މުޅި ހަޔާތުގެ މަސައްކަތް ފެނަށް ގޮސް ދިރިއުޅުން އެފުންމިފުށަށް ޖެހޭ ހާލަތްތަކުގައި މި ފަދަ އެހީތަކުން ލުއި ލިބުނު ކަމުގައި ވިޔަސް ހިތުގައި އުފެދޭ އުދާސްތަކާއި އުފުލަން ޖެހޭ ތަކުލީފު މާބޮޑެވެ. މި ފަދަ ހާލަތްތަކުގައި ހިތާ ހިތުން ވެސް އެންމެ ގިނަ އިން ކުރެވޭ އެއް ސުވާލަކީ ތަފާތުކޮށް އެއްވެސް އަމަލެއް ކުރެވުނުނަމަ ނަތީޖާ ބަދަލު ކުރެވުނީސް ހެއްޔެވެ؟

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ބަލާލާއިރު މިފަދަ ދަނޑިވަޅުގައި އަމަލުކުރަން ޖެހޭ އެންމެ އެކަށޭނެ ގޮތްތަކާއި ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހެ އެވެ. މިސާލަކަށް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ހިލޭ ގުޅޭ ނަމްބަރު 118 އަށް ކޮންމެ ބޭފުޅަކު ވެސް އަހުލުވެރިވެ، ކަމެއް ދިމާވެއްޖެނަމަ އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި މި ފިޔަވަޅު އަޅަންޖެހެ އެވެ. އެއީ ހާލަތުގެ ޝިކާރައަކަށްވުމުގެ ކުރިން އެހީ ހޯދާ ހާލަތު ކޮންޓްރޯލް ކުރުމަށް އެދެވޭ ވަގުތު ދިނުމުގެ ބޭނުމުގަ އެވެ. މީގެ އިތުރުން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުންކުރާ އަލިފާން ނިވި، ރަޖާ، ސްމޯކް އެލާމް ފަދަ ތަކެތި ހޯދާ ފަސޭހައިން ބޭނުންކުރެވޭ ތަނެއްގައި ބެހެއްޓުމަށް ސަމާލުވާން ޖެހެ އެވެ. ހަމައެއާއި އެކު، މި ތަކެތީގެ ބޭނުން ހިފާނެ ގޮތް ފަހުމުވެފައި ހުރުން ވެސް މިއީ ވަރަށް މުހިންމު ކަންކަމެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން މި ފަދަ ކާރިސާއެއްގައި އިމާރާތުން ނުކުންނާނެ ގޮތް ކަނޑައަޅާ، އެންމެން ހަމަ ތޯ ޔަގީންކުރުމަށް ޖަމާވާނެ ތަނެއް ކަނޑައެޅި އެކަން އާއިލާގެ އެންމެންނާއި ހިއްސާކޮށްފައި ބޭއްވުމަކީ އަލިފާނުގެ ހާދިސާއެއް ކުރިމަތިވެދާނެ ދަނޑިވަޅަކަށް ކުޑަހެން ހީވިކަމުގައި ވިޔަސް ބޮޑު ތަނުން އަސަރު ފެންނާނެ އަމަލުތަކެވެ. މީގެ އިތުރުން ވެސް ރައްކާތެރިކަން އިތުރުކޮށް އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އިންޝުއަރަންސް ފަދަ އިތުރު ގޮތްތައް ވެސް ހޯދިދާނެ އެވެ. އިންޝުއަރަންސްގެ އެހީ ހޯދައިފިނަމަ ލިބޭ ގެއްލުންތަކަށް ހެޔޮ ބަދަލު ލިބުމުގެ އިތުރުން ވަގުތީ ބޯހިޔާވަހިކަން ލިބިދެ އެވެ.

އެހެންކަމުން މި އެދެވޭ ބަދަލުތައް ފިރިއުޅުމަށް ގެނެވިއްޖެ ނަމަ، އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު މަދުކުރެވި، ހިނގި ކަމުގައިވިޔަސް ލިބޭ ގެއްލުން ކުޑަކޮށް ގިނަ ބައެއްގެ ދިރިއުޅުމަށް މިކަމުގެ މަންފާ ފޯރާނެ އެވެ. ބޭނުމަކީ މިކުޑަ މިމުޖުމައު ތެރޭ އެކަކު އަނެކަަކަށް ދިމާވާ ކަންކަން ގުޅި ލާމެހިފައިވާއިރު، ކޮންމެ ފަރުދެއްގެ ވެސް މުދަލާއި ނަފްސު ރައްކާތެރިކަން ކަށަވަރުކުރުމެވެ.