އެލައިޑް އިންޝުއަރެންސް

ގުޅިގެން މަސައްކަތްކުރުމަކީ ގަދަފަދަ ބާރެއް

Dec 11, 2022

އޮފީސް މާހައުލަކީ އުފާވެރި މާހައުލަކަށް ވުމަކީ ތިމާގެ ނަފްސާނީ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އޮފީހެއްގައި ވަޒީފާ އަދާކުރުމުގެ މަގްސަދަކީ ވަކި އަމާޒެއް ހާސިލުކުރުމަށްޓަކައި ހުރިހާ މުވައްޒަފުން، އެމީހަކަށް ހަވާލުކުރެވިފައިވާ މަސައްކަތެއް ކޮށް އަމާޒަށް ވާސިލުވުމެވެ. މިއީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެކެވެ.

ބައެއް ފަހަރު ވަކި މިޒާޖެއްގެ މީހުންނާއެކު މަސައްކަތް ކުރުމަކީ ހިޔާލު ތަފާތުވެ ނުވަތަ "ވައިބް ދިމާނުވެގެން" އުނދަގޫ ކަމަކަށް ވެއެވެ. އެހެން ނަމަވެސް ގުޅިގެން މަސައްކަތްކުރުމަކީ ވަޒީފާގެ އުފާވެރިކަމާއި އުފެއްދުންތެރިކަން ވެސް އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ވެސް ހާމަވެއެވެ.

މަސައްކަތްތައް ބަހާލުމުގެ ފަސޭހަ

ޓީމްވޯކްގެ ލަފްޒީ މާނައިން ވެސް އެނގޭ ގޮތުގައި، އެއީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އެންމެން ގުޅިގެން މަސައްކަތްކުރުމެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެދީ، ހިތްވަރުދިނުމެވެ. ބޮޑު މަސައްކަތެއް އެކަނި ކުރުމުގެ ބަދަލުގައި އެހެން މީހުންނާ ވެސް ގުޅިގެން އެކަން ކުރުމުން އަވަހަށް އެ ޓާސްކެއް ނިމެއެވެ. ފަހަރުގައި މިއީ ވަރަށް ސްޓްރެސް ބޮޑު މަސައްކަތެއް ކަމުގައި ވާ ނަމަ ވަރަށް ޕްރެޝަރު ވެސް ބޮޑުވެދާނެއެވެ. އެކަމަކު އެންމެން ބަހާލައިގެން އެކަމެއް ކުރުމަކީ ޕްރެޝަރު ބޮޑުވެ، ވަރުބަލިވެ "ބާރން އައުޓް" ވުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ.

އެމެރިކާގެ ކޮންސަލްޓަންސީ ފަރމް ގެލަޕްއިން ވަޒީފާ އަދާކުރާ 7,500 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދައްކާ ގޮތުން، ވަޒީފާގައި "ބާރން އައުޓް"ވުމުގެ އިހުސާސް ދަށްކުރުމަށް އެންމެ ބޮޑަށް އެހީވަނީ އެންމެން ގުޅިގެން މަސައްކަތްކުރާ ކުރުމެވެ. އެކަކު ބޮޑު ބުރައެއްގައި ޣަރަގުކޮށްލުމުގެ ބަދަލުގައި އެންމެން އެހީވެ، މަސައްކަތުގައި ބައިވެރިވުމެވެ. އަދި މިކަމުގެ ތެރެއިން ބަދަހިކަން ވެސް އިތުރުވެއެވެ.

އުފެއްދުންތެރި، އީޖާދީ

ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާއާއި ލަފައާއި އަމަލީ ބައިވެރިވުމާއެކު މަސައްކަތް ކުރުމަކީ މަސައްކަތަށް އީޖާދީ އާ ހިޔާލުތަކަށް ދޮރު ހުޅުވޭ ކަމެކެވެ. އުފެއްދުންތެރިކަން ވެސް މިކަމުން އިތުރުވެއެވެ. އެމެރިކާގެ ކޮންސަލްޓަންސީ, "ޓައިނީޕަލްސް"އިން 200,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއެއްގެ ނަތީޖާއިން ދައްކަނީ ވަޒީފާގައި އިތުރު ހިތްވަރެއް ލައިގެން މަސައްކަތްކުރުމަށް މުވައްޒަފުންނަށް ހިތްވަރު ލިބޭ އެއް ކަމަކީ އެ މީހުންގެ ކޮލީގުންނެވެ—އެކުގައި މަސައްކަތްކުރާ މީހުންނެވެ.

"މައްސަލައެއް ނެތް"!

ޓީމްވޯކްގެ އަސާސަކީ އެންމެން އެއް ފުރާޅެއްގެ ދަށުގައި، އެއް ކޮޓަރިއެއްގައި ތިބެގެން އެކަކު އަނެކަކާ ދެކޮޅަށް މަސައްކަތް ކުރުމެއް ނޫނެވެ—އެއީ އެއް އަމާޒެއް ހާސިލުކުރުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމެވެ. އެއް ލަނޑުދަނޑިއަކާ ދިމާއަށް އެންމެން މަސައްކަތްކުރުމަކީ އެކަކު އަނެކަކާ ދެމެދު ކޮންފްލިކްޓް ނުވަތަ މައްސަލަ އުފެދުމާ ދުރުކޮށްދޭ ކަމެކެވެ. އަދި މަސައްކަތުގެ ޖޯޝާއި ފޯރި އުފެދޭނެ ކަމެކެވެ.

އުފާވެރިކަން

މި ހުރިހާ ކަމެއް ވެސް ގުޅެނީ މަސައްކަތުގެ މާހައުލުގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއެވެ. އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމަކީ އަމާޒާ ދިމާލަށް ހަލުއިކޮށް ދިއުމަށް މެދުވެރިވާ މެދުވެރިވުމެކެވެ. އާ މުއްސަނދި ހިޔާލާއި މަޝްވަރާ ލިބި، އެކުގައި ކުރިއަށް ދިއުމަށެވެ.

އެހެންކަމުން މަސައްކަތުގެ މާހައުލަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހެއް އޮންނަ ތަނަކަށް ހެދުން ވަރަށް މުހިންމެވެ. އެއީ، އެ ރޫހަކީ ސިކުނޑީއާއި ނަފްސާނީ ސިއްހަތުގެ ތަސައްލީއަކަށް ވާތީއެވެ.