އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން 2020ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފި އެވެ. ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2020 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންސްގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 14 ނޮވެމްބަރު 2022 ގައެވެ.
ސާޕްލަސް ބެހުމަކީ ކޮބާ؟
ސަރޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ޚަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.
އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތް (ކަސްޓަމަރ) ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެގޮތުގައި ނަގާ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރ" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓަރ" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ޚިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ.
އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސަރޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އެފަރާތެއް ކުންފުންޏަށް ވެރިފައިކޮށްދެއްވާފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް ވެބް ޕޯޓަލް؛ މައިއެލައިޑްގެ "ޗެކް ސަރޕްލަސް އެލިޖިބިލިޓީ" ޓެބުން ފުރިހަމަކުރެވޭނެ ކަމުގައި އަޔާދީ ތަކާފުލްއިން ވިދާޅުވިއެވެ. އަޔާދީ ތަކާފުލްއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރޕްލަސް ލިބޭ ކަސްޓަމަރެއްކަން ޔަޤީންކުރެއްވުމަށް ކަސްޓަމަރ ފްރަންޓު އޮފީސް؛ ހ.އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމަރ ކެއަރ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެމައުލޫމާތު ސާފުވެގެންދާނެއެވެ. ނުވަތަ އެލައިޑް އެޕް މެދުވެރިކޮށްވެސް އެފަރާތެއްގެ ސަރޕްލަސް ތަފުސީލު ބައްލަވާލެއްވޭނެއެވެ.
މިގޮތުން، އާންމު އުސޫލުން ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ ސަރޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަންގަވާ، ސަރޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު؛ މިހާލަތުގައި "2020" ގައި ބަދަލަށް (ކްލެއިމްއަށް) އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.
އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސަރޕްލަސްއަށް އެދި ހުށައަޅަންޖެހޭ ސުންގަޑިއަކީ 13 ޖަނަވަރީ 2023ގެ، 16:00 އެވެ. ފޯމު ހުށާހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފޯރމް ލިބިވަޑައިގަންނަވާނީ އޮންލައިން ޒަރިއްޔާއިންނާއި އަޔާދީ ކަސްޓަމަރ ފްރަންޓު އޮފީހުންނެވެ. ފޯމް ހުށައަޅަން ބޭނުންފުޅު ނުވާނަމަ، އޮންލައިން ޕޯރޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސަރޕްލަސްއަށް އެދެވިދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ނޯޓް: އަޔާދީ ތަކާފުލްގެ 2020 ވަނަ އަހަރުގެ ސަރޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެ އެވެ.