އެޗްޑީސީ

ހިޔާ އެގްރިމެންޓް: އާންމުންގެ ހިޔާލު ހޯދަނީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ފެންނާނެހެން އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެގްރިމެންޓްގެ ޑްރާފްޓާމެދު އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެޗްޑީސީ އިން އެ އެއްބަސްވުން އާންމު ކުރަން ނިންމީ ހިޔާއަކީ ނިސްބަތުން ބޮޑު މަޝްރޫއެއް ކަމަށްވާތީ ފުލެޓް ލިބިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތި ކަމަކަށް ވާނެތީ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ބުނީ އެ ޑްރާފްޓް އެއްބަސްވުމާ ގުޅިގެން ޕްލެޓް ލިބުނު ފަރާތްތަކުން އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާ ނަމަ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމަށެވެ.

ޝާއިއު ކޮށްފައިވާ ޑްރާފްޓް އެއްބަސްވުމަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށާއި އެއްވެސް ބަދަލެއް ގެންނަ ނަމަ އިއުލާނު ކުރާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. ބަދަލުވެފައިވާ އެއްބަސްވުން ވެސް ވެބްސައިޓްގައި ޝާއިއު ކުރާނެ އެވެ.

ހިޔާ ފްލެތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ތަޅުދަނޑީވެސް ހަވާލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މިދިޔަ ހޮނިހިރު ދުވަހު ފްލެޓް ލިބުނު ފަރާތްތަކަށް ވަނީ އެމީހުންނަށް ލިބުނު ފްލެޓްތައް ދައްކާލައިފަ އެވެ.