މޫސުން

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފި އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ބައެއް ރަށްރަށަށް އުދަ ވެސް އަރާނެ އެވެ.

ވެދާ ފޯކާސްޓްތައް ދައްކާ ގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ އެވެ.

ރާއްޖޭގެ ކަނޑުތައް ދެކުނުގެ ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑު ވާނެ އިރު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ލަފާ ކޮށްފައިވެ އެވެ.