ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކަށް އަނިޔާ ކުރި ބަންގްލަދޭޝް މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީީހާއަށް އަނިޔާކޮށްފައި ވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އުމުރުން 31 އަހަރުގެ ޝަރިފް ހާނެވެ. އެ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ފޮނުވީ މިއަދު އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަނިޔާއެއް ދިނުމު ކުށުގެ ދައުވާ އެވެ.
ބަލިމީހާއަށް އަނިޔާކުރި މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބަލި މީހާ ކައިރީގައި ހުރި އެ މީހާ ވަރަށް ބާރަށް ބަލި މީހާގެ ކޯތާފަތްމަތީ ޖަހަ އެވެ. އަދި ތަދުވެގެން އެމީހާ ވަރަށް ބޮޑަށް ރޯން ފަށައެވެ. އެ މީހާ ރޯން ފެށުމުން ބިދޭސީ މީހާ އެ ތަނުން ދުރައްދާތަން ފެނެ އެވެ. މި ވީޑިއޯ ކޮށްފައިވާ އެ ވޯޑްގައި އޮތް އެހެން ބަލި މީހެއް ނުވަތަ އެމީހާ ކައިިރި ހުރި އެހީތެރިއެއް ކަމަށް ބެލެވެ އެވެ.
އެހީތެރިވާން ހުރި އެމީހާ ހައްޔަރުކުރުމުން ބަލިމީހާ ބެލެހެއްޓީ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިންނެވެ.
މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާއަށް އެހީތެރިވެދާން ހުރި މީހަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނީ މެޑިކަލް ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއްގެ ޝަކުވާ ފުނިޖެހިފައި ވަނިކޮށެވެ.