އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓާ ޖެނެރަލް ކަމަށް ނިޔާޒީގެ ނަން ހުށަހަޅައިފި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ގ. އައިފަ، ހުސައިން ނިޔާޒީ އައްޔަނުކުރަން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީ އިއްވާފަ އެވެ.

ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ނިޔާޒީގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ފޮނުވާފަ އެވެ.

އޮޑިޓް އޮފީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް މިވަގުތު އެންމެ އިސްކޮށް ހުންނެވީ ނިޔާޒީ އެވެ.

ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއަކީ ރާއްޖޭގައި ތިއްބެވި އެންމެ ސީނިއާ ޗާޓާޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.