އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 112.27 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި އެ އޮފީހުން މަޖިލީހަށް ހުށަހެޅީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުން މިއަދު އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ 11 މިލިއަން ރުފިޔާ ކުޑަކުރުމަށްފަހު އެެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ ބަޖެޓް ދިރާސާކުރި މާލިއްޔަތު ކޮމިޓީގައި އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އިސްލާހުތަކާ އެކު އެވެ.

ޣަފޫރު ހުށަހަޅުއްވާފައިވަނީ ހުޅުމާލޭގައި ހަދަން ނިންމާފައިވާ އޮޑިޓް އޮފީހުގެ އާ އިމާރާތް އެޅުމަށް 38.1 މިލިއަން ރުފިޔާ ބަޖެޓް ކުރުމަށާއި މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސްގެ ގޮތުގައި ހިމަނާފައި އޮތް 10.4 މިލިއަން ރުފިޔާ އުނިކުރުމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.