އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 112.27 މިލިއަން ރުފިޔާ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އިސްލާހުތަކާ އެކު އެވެ.
ޣަފޫރު ހުށަހަޅުއްވާފައިވަނީ ހުޅުމާލޭގައި ހަދަން ނިންމާފައިވާ އޮޑިޓް އޮފީހުގެ އާ އިމާރާތް އެޅުމަށް 38.1 މިލިއަން ރުފިޔާ ބަޖެޓް ކުރުމަށާއި މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސްގެ ގޮތުގައި ހިމަނާފައިވާ 10.4 މިލިއަން ރުފިޔާ އުނިކުރުމަށެވެ.
ޣަފޫރުގެ ހުށަހެޅުންތަކާ އެކު ކޮމިޓީން ނިންމީ އޮޑިޓް އޮފީހަށް އަންނަ އަހަރު 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސުމަށެވެ.
މާލިއްޔަތު ކޮމިޓީގައި އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ މީގެކުރިން ވިދާޅުވީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައިވަނީ އޮޑިޓް ގާނޫނުގެ ދަށުން ފުރަތަމަ އައްޔަންކުރެއްވި އޮޑިޓާ ޖެނަރަލް އިބްރާހީމް ނައީމުގެ ދުވަސްވަރު ކަމަށެވެ. އެހެންކަމުން މިހާރު އެ މުސާރައިގައި މުވައްޒަފުން ގިނަ ދުވަހު ވަޒީފާގައި ހަރުލެއްވުމަށް ދަތިތައް ކުރިމަތިވާތީ އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ކޮމިޓީން ފާސްކޮށްދިނުމަށް އެދިވަޑައިގަތެވެ.
"އެސްއޯއީތަކުގައި އިންޓާނަލް އޮޑިޓަރަށް ހުށަހަޅާ އެންމެ މަދުވެގެން 45،000 ރުފިޔާގެ މުސާރައެއް. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ރަނގަޅު ބޭފުޅުން ގެއްލިގެން ގޮސްފައި އެބަހުރި [މުސާރަ ކުޑަވެގެން]،" ނިޔާޒީ ވިދާޅުވި އެވެ.
އޮޑިޓާ ޖެނަރަލް ވިދާޅުވި ގޮތުގައި އެ އޮފީހުގެ ޑިރެކްޓަރަކަށް ދެނީ މަހަކު 30،000 ރުފިޔާގެ މުސާރަ އެކެވެ. އެކަމަކު ކުންފުނިތަކުގައ ތިއްބަވާ އޮޑިޓަރުންނަށް ވުރެ މާގިނަ އޮޑިޓް މަސައްކަތް އޮޑިޓް އޮފީހުގެ ބޭފުޅުން ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.