އޮޑިޓާ ޖެނެރަލް އޮފީސް

އޮޑިޓް އޮފީހުން 123 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 123 މިލިއަން ރުފިޔާގެ ބަޖެޓެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން މިއަދު ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން އެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ 82 މިލިއަން ރުފިޔާ އަކީ ރިކަރަންޓް ހަރަދެވެ.

އޮޑިޓް އޮފީހުން އަންނަ އަހަރު ކުރާ ރިކަރަންޓް ހަރަދުގެ ބޮޑު ބަޔަކީ މުވައްޒަފުންގެ މުސާރައަށް ހޭދަކުރަން ނިންމާފައިވާ 56 މިލިއަން ރުފިޔާ އެވެ. މީގެތެރޭގައި އިތުރު މުވައްޒަފުން ނެގުމާއި ޑިޕެންޑެންޓް އެލަވަންސްގެ ނަމުގައި އެލަވަންސެއް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ކޮމިޓީގައި އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރަތައް ކަނޑައަޅާފައިވަނީ އޮޑިޓް ގާނޫނުގެ ދަށުން ފުރަތަމަ އައްޔަންކުރެއްވި އޮޑިޓާ ޖެނަރަލް އިބްރާހީމް ނައީމުގެ ދުވަސްވަރު ކަމަށެވެ. އެހެންކަމުން މިހާރު އެ މުސާރައިގައި މުވައްޒަފުން ގިނަ ދުވަހު ވަޒީފާގައި ހަރުލެއްވުމަށް ދަތިތައް ކުރިމަތިވާތީ އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ކޮމިޓީން ފާސްކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އެސްއޯއީތަކުގައި އިންޓާނަލް އޮޑިޓަރަށް ހުށަހަޅާ އެންމެ މަދުވެގެން 45،000 ރުފިޔާގެ މުސާރައެއް. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ރަނގަޅު ބޭފުޅުން ގެއްލިގެން ގޮސްފައި އެބަހުރި [މުސާރަ ކުޑަވެގެން]،" ނިޔާޒީ ވިދާޅުވި އެވެ.

އޮޑިޓާ ޖެނަރަލް ވިދާޅުވި ގޮތުގައި އެ އޮފީހުގެ ޑިރެކްޓަރަކަށް ދެނީ މަހަކު 30،000 ރުފިޔާގެ މުސާރަ އެކެވެ. އެކަމަކު ކުންފުނިތަކުގައ ތިއްބަވާ އޮޑިޓަރުންނަށް ވުރެ މާގިނަ އޮޑިޓް މަސައްކަތް އޮޑިޓް އޮފީހުގެ ބޭފުޅުން ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްދިނީ 93.4 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދަށް 61 މިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ގޮތުގައި 32.4 މިލިއަން ރުފިޔާ އެވެ.

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.