މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމައިފި އެވެ.
މިއަދު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ބިލުގެ މަސައްކަތް ނިންމާލައި ވޯޓަށް އެހުމުން އެންމެ ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންވެސް ވަނީ ކޮމެޓީން ނިންމިގޮތަށް ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވަން ވޯޓު ދެއްވައިފަ އެވެ. ބިލު ތަޅުމަށް ފޮނުވަން ދެކޮޅު ހެއްދެވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
އޭގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހިސާން ހުށަހެޅުއްވި މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ނިންމި އެވެ. އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުމެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް މިއަދު ފާސްކުރި އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނަށް އިދިކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން މިއަދު ވަނީ ފާސްކޮށްފަ އެވެ. "އާންމު ތަންތަނަ" ކީ އާންމުކޮށް ހުޅުވާލެވިގެން އެންމެނަށް ވެސް ނުވަތަ ފީއެއް ދައްކައިގެން ނުވަތަ ދައުވަތުދީގެން ވަދެނިކުމެވެ ތަނަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ހަމަ އެހެންމެ ބްރޯޑްކާސްޓިން ވަސީލަތެއް ބޭނުންކޮށްގެން ޕްލެޓްފޯމެއްގައި ހިޔާލުބަދަލުކުރެވޭ ތަންތަނާއި ޓެކްނޮލޮޖީއާ އިންޓަނެޓް މެދުވެރިވެގެން ވެސް ހިޔާލު ބަދަލުކުރެވެން ހުންނަ ޕްލެޓްފޯމްތަކަކީވެސް އާންމު ތަންތަންކަމަށް މިއަދު ފާސްކުރި އެވެ.
ހަމަ އެހެންމެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން މިއަދު ފާސް ކޮށްފައިވެއެވެ.