ބޮލީވުޑް

ރާޖް ކޯޝަލް މަރުވުމުން މަންދިރާ ދެއްކި ނަމޫނާ

ޓީވީ ސިލްސިލާތަކާއި ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅެފައިވާ މަންދިރާ ބޭދީގެ ފިރިމީހާ އަދި ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާޖް ކޯޝަލް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭގެ ފަތިހުގެ ވަގުތެއްގައި ރާޖް މަރުވީ ވަރުގަދަ ހާޓް އެޓޭކެއް ޖެހިފަ އެވެ. ހާޓް އެޓޭކް ޖެހުމުން ހޮސްޕިޓަލަށް ގެންދާނެހާ ވަގުތުކޮޅެއް ވެސް ނުލިބި ރާޖް މަރުވީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

އުމުރުން 49 އަހަރުގެ ރާޖްގެ މަރުގެ ޚަބަރަކާއެކު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އޭނާގެ އެކުވެރިންނާއި މަންދިރާގެ އެކުވެރިން އެގެއަށް ޖަމާވެ މަންދިރާއަށް ހިތްވަރުދީ ތައުޒިޔާ ކިޔާފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ބަޔަކު ދަނީ މަންދިރާއަށް ތައުޒިޔާ ކިޔަމުންނެވެ.

ރާޖްގެ ޖަނާޒާގެ ކަންކަމުގައި މަންދިރާ ދެއްކި ނަމޫނާގެ ވާހަކަ ވެސް އިންޑިޔާގެ ނޫސްތަކުން ވަރަށް ބޮޑަށް ފާހަގަ ކޮށްފައި ވެއެވެ. ހަޔާތުގެ ބައިވެރިޔާގެ ކުއްލި މަރުން މަންދިރާއަށް އިންތިހާއަށް ހިތާމައާއި ހިތްދަތިކަން ލިބިފައި ވިޔަސް އޭނާ ވަނީ އިންޑިޔާ މީހުން އެމީހުންގެ ފިރިން މަރުވުމުން އާންމުކޮށް ނުކުރާ ބައެއް ކަންކަން ވެސް ކޮށްފަ އެވެ.

އެގޮތުން ފިރިމީހާގެ ގަބުރު އުފުލުގައި އަމަލީގޮތުން މަންދިރާ ބައިވެރިވެފައި ވެއެވެ. މިއީ މިހާތަނަށް އަންހެނަކު ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެއެވެ. އަދި ޖަނާޒާގެ ކަންތަކުގައި ވެސް އިސްވެ ހުރިހާ ކަމެއް ކޮށްފައިވަނީ މަންދިރާ އަމިއްލައަށެވެ. ރޮމުން ރޮމުން ގޮސް ވަރަށް ހާލު ދެރަވެފައިވާ ހާލުގައި ވެސް ރާޖް އަށް އެންމެ ފަހުގެ ވަދާއު ކިޔަން އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކޮށްދޭން މަންދިރާ ބޭނުންވީ އެވެ.

މަންދިރާ އާއި ރާޖް ލޯބީގެ ގޮތުން ގުޅުނީ 1996 ގައެވެ. އޭރު ރާޖް އަކީ ފިލްމު އުފެއްދުމުގެ ރޮނގުން ކުރިޔަށް ދާން އަލަށް މަސައްކަތް ފެށި މީހެކެވެ. އޭރުވެސް މަންދިރާ އަކީ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ މޫނެކެވެ. ފުރަތަމަ ބައްދަލުވުމުގައި ރާޖް ވަނީ ފިލްމެއްގެ ރޯލަކަށް މަންދިރާގެ އޮޑިޝަނެއް ނަގާފަ އެވެ.

މަންދިރާ ބަތަލާގެ ރޯލު ކުޅުނު ޓީވީ ސިލްސިލާ "ޝާންތީ" އަކީ އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ޑްރާމާ އެކެވެ. އަދި ފަހުން އޭނާ ވަނީ ކާޖޮލް އާއި ޝާހް ރުކް ޚާނާއެކު "ދިލްވާލޭ ދުލްހަނިޔޭ ލޭ ޖާއޭނގޭ"ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

މަންދިރާ އާއި ރާޖް އަކީ އުޑާ ބިމާހާ ތަފާތު ދެ މިޒާޖެއްގެ މީހުންނަށް ވިޔަސް ފުރަތަމަ ދެ ތިން ވަނަ ބައްދަލުވުމަށްފަހު ރާޖް އަށް އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ޚިޔާރުކުރަން އެންމެ ރަނގަޅު މީހަކީ މަންދިރާ ކަން ޔަގީންވި އެވެ. މަންދިރާ އާއި ލޯބީގެ ގޮތުން ގުޅުނީ އެ ހިސާބުންނެވެ.

މަންދިރާ އާއި ރާޖް ކައިވެނިކުރީ 1999 ގައެވެ. އަދި 2011ގައި އެމީހުންނަށް އަލަތު ދަރިފުޅު ލިބުނެވެ. އޭގެ ފަހުން އެމީހުން ކުޑަ އަންހެން ކުއްޖެއް އެޑޮޕްޓް ކޮށްފައި ވެއެވެ.

ރާޖް އަކީ އިންޑިއާ ޓީވީ ތަކުން ދައްކާ ވަރަށް ގިނަ އިޝްތިހާރުތައް ޑައިރެކްޓްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އަދި ބައެއް ފިލްމުތައް ވެސް ޑައިރެކްޓްކޮށްފައި ވެއެވެ. "ޕިޔާރް މޭ ކަބީ ކަބީ"، "ޝާދީ ކާ ލައްޑޫ" ފަދަ ފިލްމުތަކަކީ ރާޖް ޑައިރެކްޓްކުރި ފިލްމުތަކެވެ. "ޝާދީ ކާ ލައްޑޫ"ގައި މަންދިރާ ވެސް ބައިވެރިވި އެވެ. އަދި ދެ މީހުންގެ ލޯބީގެ މާތައް ފޮޅުނީ މި ފިލްމު އުފެއްދި ދުވަސްވަރު އެވެ.