ސާއިރާ ބާނޫގެ ދިރިއުޅުމުގެ ހުރިހާ ވެސް އުފަލަކީ އޭނާގެ ފިރިމީހާ ދިލިޕް ކުމާރެވެ. ވަރަށް ޒުވާން އުމުރުގައި ދިލިޕް އާއި ކައިވެނި ކުރިގޮތަށް 54 އަހަރު އޭނާ ދިލިޕް އާއެކު ޒަވާޖީ ހަޔާތެއް ވޭތުކޮށްފައި ވެއެވެ. ދެމަފިރިންނަށް ދަރިއަކު ނުލިބުނަސް އެއްވެސް ޝަކުވާއެއް ނެތި ދެމަފިރިން ހިތްހަމަޖެހުމާއި އުފަލުގައި ހަޔާތެއް ވޭތުކޮށްފައި ވެއެވެ. އެހާ ގިނަ ދުވަހު އެކުގައި އުޅެފައި ދިލިޕް މި ދުނިޔެ ދޫކުރުން ވެފައިވަނީ ޝާއިރާ އަށް ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތްދަތި ކަމަކަށެވެ.
ދިލިޕް މަރުވި ދުވަހު ވެސް އޭނާ ބުނި ގޮތަށް ފިރިމީހާ އާ ނުލައި ދިރިއުޅުމަކީ އޭނާއަށް މިހާރު ވާވަރުގެ ކަމެއް ނޫނެވެ.
ދިލިޕް މަރުވުމަށްފަހު ސާއިރާ ޑިޕްރެޝަންގެ ޝިކާރައަކަށްވެ ލޭ މައްޗަށް ދިއުމާއި އިތުރު ސިއްހީ މައްސަލަތަކާ ކުރިމަތިވި އެވެ. ހިތުގެ މައްސަލަތަކެއް ޖެހި އައިސީޔޫގައި އެޑްމިޓްކުރަން ޖެހުނެވެ.
ޑޮކްޓަރުން މިހާރު ބޭނުންވަނީ ސާއިރާގެ އެންޖިއޮގްރާމް ހަދާށެވެ. ނަމަވެސް އެކަމާ ސާއިރާ ދެކޮޅުހަދާފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ. އަދި އޭނާ ހުއްދަ ނުދެނީސް އެންޖިއޮގްރަފީ ނުހެދޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
ޑޮކްޓަރުން އިތުރަށް ވިދާޅުވެފައި ވަނީ ސާއިރާއަށް ނިދަން ވެސް އުނދަގޫ ކަމަށެވެ. އަދި އަވަހަށް ގެއަށް ދާން ބޭނުންވެގެން އުޅޭތީ އައިސީޔޫ އިން ކޮޓަރިއަކަށް ޝިފްޓްކުރަން ނިންމާފައިވާ ކަމަށެވެ.
ގިނަ ދުވަސްތަކަކު ވަރަށް ބަލިވެ އުޅުމަށްފަހު އުމުރުން 98 އަހަރުގައި ދިލިޕް ކުމާރު މަރުވީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އެވެ.
ސާއިރާ އާއި ދިލިޕް ކައިވެނިކުރީ 1966 ވަނަ އަހަރު އެވެ. ކައިވެނީގެ ކުރިން ދެ ތަރިން އެކުގައި "ސަގީނާ" އަދި "ގޯޕީ" ކިޔާ ފިލްމެއް ކުޅެފައި ވެއެވެ.
ސާއިރާ ފިލްމީ ދުނިޔެއަށް ނުކުތީ 1961 ގައި ރިލީޒްކުރި "ޖަންގްލީ" އިންނެވެ. މި ފިލްމުގެ ބަތަލަކީ ޝަމްމީ ކަޕޫރެވެ. އޭގެ ފަހުން "ބްލަފް މާސްޓާ"، "ޖުކް ގަޔާ އާސްމާން"، "އާއީ މިލަން ކީ ބޭލާ"، "ޕިޔާރް މުހައްބަތު" ފަދަ ފިލްމުތައް ކުޅެފައި ވެއެވެ.